ކުޅިވަރު

200 މީޓަރ ދުވުމުން ސާއިދު ފައިނަލަށް


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރ ދުވުމުގެ ފައިނަލަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި ދެކުނު އޭޝިޔާގެވެސް އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ދަތުރުކޮށްފިއެވެ.

ސާއިދު ފައިނަލަށް ދަތުރުކުރީ ފުރަތަމަ ހީޓުގައި 21.83 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު ރޭސް ނިންމީ ތިންވަނައަށެވެ. ފުރަތަމަ ހީޓުގެ އެއްވަނަ ހޯދި 21.64 ސިކުންތުން ރޭސް ނިންމައިގެން ޕާކިސްތާންގެ މުހައްމަދު ޝަހްބާއެވެ. ދެވަނައަށް ދިޔައީ ސްރީ ލަންކާގެ ވިނޯޖް ސުރަންޖާޔާއެވެ. އެއީ 21.70 ސިކުންތުން ރޭސް ނިންމައިގެންނެވެ.

200 މީޓަރ ދުވުމުގެ ފައިނަލް އޮންނާނީ ރާއްޖެ ގަޑިން މިއަދު 10:15 ގައެވެ.

މީގެ އިތުރުން ސާއިދު ވަނީ 100 މީޓަރ ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މިއީ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލްވެސް މެއެވެ.

ގޭމްސްގެ އެތްލެޓިކްސް އިވެންޓްގެ 10000 މީޓަރ ދުވުމުގައި ރާއްޖޭގެ ޙުސައިން ފަޒީލް ހާރޫން ވަނީ ދުވެފައެވެ. ފަޒީލަށް ރޭސް ނިންމުނީ 35 މިނެޓުންނެވެ. 9 ދުވުންތެރިން ވާދަކުރި 10000 މީޓަރ ދުވުން ފަޒީލު ދިޔައީ އެންމެ ފުލަށެވެ. މި ރޭހުގައި ވާދަކުރި ޕާކިސްތާނާއި ސްރީ ލަންކާގެ ދުވުންތެރިޔަކަށް ވަނީ ރޭސް ފުރިހަމަކުރެވޭގޮތް ނުވެފައެވެ.

10000 މީޓަރ ދުވުމުން ރަން މެޑަލް ހޯދީ އިންޑިއާގެ ދުވުންތެރިޔާ ސުރޭޝް ކުމާރެވެ. އެއީ 29 މިނެޓް 33 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަދި މީގެ އިތުރުން 200 މީޓަރ ދުވުމުގެ އަންހެން އިވެންޓްގެ ދެވަނަ ހީޓުގައި ރާއްޖޭގެ އައިޝަތު ހިމްނާ ޙަސަން ވަނީ ދުވެފައެވެ. 200 މީޓަރ ދުވުން ހިމްނާއަށް ނިންމުނީ 26.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. 5 ދުވުންތެރިން ވާދަކުރި ރޭހުގައި ހިމްނާ ދިޔައީ ފުލަށެއެވެ.