2016ގައި ބަންގްލަދޭޝްގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްއަށްވުރެ މިފަހަރުގެ ގޭމްސްގައި ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް ކުރިއެރުންތަކެއް ލިބިއްޖެކަން ފާހަގަކުރެވޭކަމަށް އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު އަޙުމަދު އަދީލް ބުނެފިއެވެ.
ނޭޕާލްގެ ކަތަމަންޑޫ އާއި ޕޮކާރާ ސިޓީގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ވޮލީ ޓީމަށް ކާމިޔާބެއް ނުލިބުނު ނަމަވެސް މުބާރާތުގައި ޓީމު ދެއްކި ކުޅުމާއި ދޭތެރޭ ޖުމްލަކޮށް ހިތްހަމަޖެހޭކަމަށް އަދީލް ވަނީ ބުނެފައެވެ.
އަންހެނުންގެ ވޮލީ އިވެންޓުގައި ރާއްޖެއާއެކު ގްރޫޕް ބީގައި ހިމެނުނީ ސްރީ ލަންކާއާއި ޕާކިސްތާނެވެ. ނަމަވެސް ޕާކިސްތާން މުބާރާތުން ވަކިވުމުން ރާއްޖެއަށް ވަނީ ސެމީ ފައިނަލުން ޖާގައެއް ލިބިފައެވެ.
މުބާރާތުގެ ތިންވަނަ ހޮވުމަށް ސްރީ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު އަޙުމަދު އަދީލް ބުނީ، މިފަހަރުގެ ގޭމްސްއަށް ޓީމު ނުކުތީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ގޭމްސްއަށް ވުރެއް ކާމިޔާބު ގޭމްސްއަކަށް ހެދުމުގެ އަޒުމުގައި ކަމަށެވެ. އަދީލް ބުނީ 2016 ވަނަ އަހަރުވެސް ލިބުނީ ހަތަރުވަނަ ކަމަށާއި، މިފަހަރުގެ ގޭމްސްވެސް މި ނިންމާލަން ޖެހުނީ ހަމަ އެމަގާމުގައި ކަމަށެވެ.
އަދީލް ބުނީ ޖުމްލަކޮށް ބަލާނަމަ މުޅި މުބާރާތުގައި ޓީމު ދެއްކި ކުޅުން ރަނގަކަން ފާހަގަ ކުރެވޭކަމަށާއި، އެކަން ފާހަގަވެގެން ދަނީ މެޗުތަކުގެ ސެޓުތަކުގައި ނެރޭ ނަތީޖާއިން ކަމަށެވެ. އަދީލް ބުނީ ތިންވަނަ ހޮވަން ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިން ވަރަށް ގިނަ މިސްޓޭކްސް ހެދިތަން ފެނުނު ކަމަށާއި، މި މެޗުގައި ލަންކާއާއި ދެކޮޅަށް އުއްމީދު ކުރިވަރުގެ ފައިޓެއް ނުދެވުނުކަމަށެވެ.
"2016 ގެ ސައުތް އޭޝިއަން ގޭމްސްގައި އަޅުގަނޑުމެން އަނެއް ހަތަރު ވަނަ ލިބުނި. ދެން މިފަހަރުވެސް އަޅުގަނޑުމެން މަސައްކަތް ކުރީ އެއަށްވުރެއް ކުރިޔަށް އެއް ދަރަޖަ ގޭމްސްގައި ޖެހިލެވޭތޯ. ދެން ކަން ދިމާ ކުރި ގޮތުން ހަމަ އަޅުގަނޑުމެންނަށް ކުރިޔަށް ނުޖެހި މި ނިންމާލަން ޖެހުނީ. އެކަމު އޯވަރޯލްކޮށް ބަލާއިރު މުބާރާތް ހަމަ ރަނގަޅުހެން ހީވަނި އަނެއްހެން ބަލާއިރު. އެއީ މެޗުގެ ސެޓުތަކުގެ ސްކޯރ ތަކުން ހަމަ ރަނގަޅުކަން ފާހަގަވޭ." އަދީލް ބުންޏެވެ.
އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމު ސައުތް އޭޝިއަން ގޭމްސްއަށް އައީ ބަންގްލަދޭޝްގައި ކުރިޔަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރިހި މެޑަލް ހޯދުމަށްފަހު، އަދި ސްރީ ލަންކާގައި ގޭމްސްގެ ކުރިން ޓްރެއިނިންގ ކޭމްޕެއްވެސް ފުރިހަމަކޮށްފައެވެ.