އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް އަނެއްކާވެސް ރައީސް ނަޝީދު އިންތިޚާބް ކޮށްފިއެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގައި ޕާޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީވެސް ރައީސް ނަޝީދެވެ.
އެމްޑީޕީގެ ރައީސްކަން 2 ވަނަ ދައުރަކަށް ނަޝީދު އިންތިޚާބްވެގެން ގޮސްފައިވާއިރު، ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައިވެސް އެންމެބޮޑު މަސައްކަކެއް ކުރައްވާފައިވާ އެއްބުޅާއެވެ. މި އިންތިޚާބުގައި ރައީސްކަމުގެ މަޤާމަށް އިތުރުބޭފުޅަކު ކުރިމަތި ނުލެއްވުން ނަޝީދު އެއްވެސް ކެންޕެއިނެއް ކޮށްފައިނުވެއެވެ. ނަމަވެސް ވީހާވެސް ގިނަ ބޭފުޅުން އިންތިޚާބްގައި ވޯޓްދެއްވުމަށް ނަޝީދުވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ޕާޓީގެ ރައީސްގެ މަޤާމަށް އެޕާޓީގެ މިހާރުގެވެސް ރައީސް، ނަޝީދު އިންތިޚާބްވެފައިވާއިރު ޕާޓީގެ ނައިބް ރައީސަކަށް އިންތިޚާބް ވެފައިވަނީ ރައީސް ނަޝީދުގެ ނިމިދިޔަ ފަސްއަހަރުގެވެސް ނައިބް ރައީސް މުހައްމަދު ޝިފާޒެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެޕާޓީގެ ސެކެޓްރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ނަމޫނާ ޕާޓީއެއްކަން މާޒީގައިވެސް ދައްކާފައިވާނެކަމަށެވެ. އަދި މިއަދު ނިމިގެންދިޔަ އިންތިޚާބަކީވެސް ވާދަވެރި އިންތިޚާބެއްކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން ޒާތީކަމެއް ނުފެނި އެކުވެރިކަމާއިއެކު އިންތިޚާބްގެ ކަންކަން ނިމިގެން ގޮސްފައިވާކަމީ އުފާކުރައްވާކަމެއްކަމަށެވެ.