ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުޙައްމަދު ފަނޑިޔާރުކަމުން ވަކިކޮށްފި


އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ފަޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމީ ވޯޓްގައި ބައިވެރިވެވަޑާއިގެންނެވި 69 މެންބަރުން ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 9 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވި އެންމެ މެބަރެކެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. މިއަދު ޖަލްސާގެ ހާޒިރީއަށް ބަލާއިރު މަޖިލީހުން މި މައްސަލާގައި ވޯޓް ބޭނުންވާ އަދަދަކީ 52 އެކެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ގުޅޭގޮތުން ބަލަމުންދިޔަ ސްލޫކީ މައްސަލަތައް ނިންމާ އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށް ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުން ވަކިކޮށްފައި މިވަނީ ދެ ފަނޑިޔާރުންވެސް ފަޑިޔާރުކަމުގެ މަޤާމުން ދެމަސް ދުވަހަށް ސަސްޕެންޑްކުރުމަށްފަހުއެވެ. ސުޕްރީމްކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައެއް ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނާނެކަމަށް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާތު ނެރުއްވި ބަޔާނެއްގައިވަނީ ފަނޑިޔާރަކު ނިންމި ނިންމުމާއި ގުޅިގެން އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާކަމަށެވެ. އަދި ޖޭއެސްސީން އަމަލުކުރަމުން އަންނަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަންކަމަށްވެސް އުއްތަމަ ފަނޑިޔާރުވަނީ ތުހުމަތުކުރައްވާފައެވެ.


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ ދުވަހުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2010 ވަަނަ އަހަރުގެ އޮގަސްޓް 10ވަނަ ދުވަހުއެވެ.

މިއީ އާ ޤާނޫނު އަސާސީއަސް އަމަލުކުރަން ފެށިފެހުން އުއްތަމަ ފަނޑިޔާރެއްގެ މަޤާމު ގެއްލުނު ތިންވަނަ ފަހަރުއެވެ. އުއްތަމަ ފަނޑިޔާރަކަށް ކުރިން ހުންނެވި އަހްމަދު ފާއިޒް ހުސެއިންގެ މަޤާމު ގެއްލުނީ ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ. މި ބަދަލު ޤާނޫނަށް ގެނައި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހްމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާނު މަޤާމުން ވަކިކުރުމަށްކަމަށް އޭރުގެ އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މަޤާމު ގެއްލުނީ ޖިނައީ ކުށެއް ސާބިތުވުުން ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާ މަޖިލީހުން ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެންނެވެ. މިދިޔަ މަޖިލީހުން ޤާނޫނަށް މި ބަދަލު ގެނައީ 1 ފެބްރުއަރީ 2018ގައި ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެންނެވެ.

ޖޭއެސްސީން ތަހުޤީގުކުރި ސުލޫކީ މައްސަލައެއް ސާބިތުވުމުން މީގެކުރިން ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީވެސްވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.