ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަޑިޔާރު އާދަމް މުޙައްމަދު މަޤާމުން ވަކިކުރަން ކޮމިޓީން ނިންމައިފި


އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމަށްތާއީދުކޮށް އެ ދެބޭފުޅުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއާ ބެހޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވަނީ މިއަދުއެވެ. ކޮމިޓީގެ ބައްދަލުވުމުގައި ވަކިވަކިން ވަނީ މި ދެ މައްސަލާގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތަށް ބަލާފައެވެ. ކޮމިޓީންވަނީ ޖޭއެސްސީން މިކަމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތްތަކުގެ ތެރެއިންކަންވެސް ފާހަގަކޮށްފައެވެ.

ކޮމިޓީގައި މިމައްސަލަ ނިންމައި، ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިމައްސަލަގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ ސްޕްރީމްކޯޓުގެ ފަޑިޔާރުގެ ގޮތުގައިތިބެ އެބޭފުޅުން ކޮށްފައިވާ ހުކުމްތަކާމެދު ދެންވާނެ ގޮތެއް ރައްޔިތުންނަށް ސާފްވާންޖެހޭކަމަށެވެ. މެމްބަރުންވަނީ މިކަމުގައި ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަނގަކޮށް، މިމައްސަލާގައި އިތުރަށް މަޝްވަރާކުރުމަށްވެސް ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން 60 ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވަނީ އިއްޔެއެވެ.

ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންވަނީ އިއްޔެ ހާމަކުރައްވާފައެވެ.

ޖޭއެސްސީން ވިދާޅުވީ ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ހިމެނޭ 51 މައްސަލައެއް ބަލަމުން އަންކަމަށާއި، އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައެއްކަމަށެވެ.