އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ތަންފީޒްކުރެއްވިއްޖެނަމަ އަރަނި ބަޖެޓެއް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރެއްވި މެންބަރުންގެ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ބަޖެޓްގެ ތެރެއިން ރައްޔިތުންނަށް ހައްޤުވާ ތަރައްޤީއާއި އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ގެނެސްދިނުމަށްކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް މިހާރު އޮތްގޮތަށް ތަންފީޒްކުރެއްވިއްޖެ ނަމަ ވަރަށް އަވަހަށް އަރަނި ބަޖެޓެއް މަޖިލީހަށް ހުށައެޅިގެންދާތަން ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕީއެސްއައިޕީގެ ޕްރޮޖްކްޓްތައް ބެހިފައިވާގޮތް ބަލައިފިނަމަ ހއ.ފެށިގެން ސ.އަތޮޅާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައިވެސް ބޮޑަށް ބަލާފައިވާނީ އިޤްތިޞާދީ އަދި ސިނާއީ ކުރިއެރުމަށްކުރާ ޚަރަދު ވަރަށް ބޮޑުކޮށް. ދެން ތިމާވެށި ރައްކާތެރިކުރުމަށާއި، އެހެނިހެން ކަންކަމަށް ޚަރަދު ހިމެނިފައިވާނެ. އެކަމު އެންމެ ބޮޑު އިސްކަމެއްދީފައިވާނީ އިޤްތިޞާދީ އަދި ސިނާއީ ކުރިއެރުމަށް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކެޕިޓަލް ޚަރަދުތައް އިތުރުކޮށްގެން އިތުރު އިޤްތިޞާދީ ހަރަކާތްތައް ގެނައުމަށް ބަޖެޓްގައި އިސްކަންދީފައިވާނެކަމަށެވެ. އިޤްތިޞާދީ ބަދަލުތަކުގެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ މިސަރުކާރުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ނުވަދިހަ މިލިއަން ޑޮލަރުން ސަތޭކަ ނުވަދިހަ މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އިޤްތިޞާދީ މަޝްރޫޢުތަކާއިއެކު ރާއްޖޭގެ އިޤްތިޞަދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވީއިރު، ބަޖެޓަށް ބަހުސްކުރެއްވި މެންބަރުންވެސް ވަނީ އެ ދާއިރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވާކަން ފާހަގަކުރައްވާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ތަރައްޤީ އަންނާނެކަމަށް ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރ އަމީރުވެސް ވަނީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޢުމްރާނީ މަޝްރޫޢުތައް އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ސަރުކާރުން ހުށައެޅިގޮތަށް ބަޖެޓް ފާސްކޮށްދިނުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.