ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށްގެންދަން ބެންޗެއް އެކުލަވާލައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރިޢަތް ކުރިއަށް ގެންދިއުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމްގެ މައްޗަށް ދައުލަތުން ހުށަހަޅައިގެން، ބަލަމުންދާ މަނީލޯންޑްރިންގގެ ކުށުގެ ދަޢުވާގެ ޝަރީޢަތް އެއްޤާޟީއަކު ބެލުމުގެ ބަދަލުގައި ޤާޟީންގެ ބެންޗަކުން ބަލައި ދިނުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމްގެ ފަރާތުން މައްސަލައިގެ އިބްތިދާއީ މަރްޙަލާގައި އެދިފައިވާކަމަށެވެ.

މިހާރުވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭކަމަށްބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމްގެ ފަރާތުން ހުށަހަޅާފައިވާތީ މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 58ވަނަ މާއްދާއިން ލިބިދޭ އިޚްތިޔާރުގެ ދަށުން، އެމައްސަލަ ބަލައި ނިޔާކަނޑައެޅުމަށްޓަކައި، އެކޯޓްގެ ޤާޟީން ކަމުގައިވާ، ޤާޟީ ޢަލީ ރަޝީދު ޙުސައިންއާއި، ޤާޟީ އަޙްމަދު ޝަކީލްއާއި، ޤާޟީ މުޙައްމަދު ސަމީރުއާއި، ޤާޟީ ޢަލީ އާދަމްއާއި، ޤާޟީ ޙުސައިން ފާއިޒް ރަޝާދު ހިމެނޭ ފަސް ފަނޑިޔާރުން މައްޗަށް އެކެލެވިގެންވާ ބެންޗެއް ކަނޑައަޅާފައިވާކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށްކުރާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީއަތް ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން އަނެއްކާވެސް އެދިފައިވާނެކަމަށް ޕީޕީއެމުން އިއްޔެވަނީ ބުނެފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް މިހާރުވަނީ ތާވަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރިންގެ ކުށުގެ ދައުވާގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރަން ކުރިން ތާވާލުކޮށްފައި އޮތީ މިމަހުގެ 5 ވަނަދުވަހުއެވެ. ނަމަވެސް ހުކުމް ކުރުން އެދުވަހު ކެންސަލްކޮށްފައިވަނީ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ހައިލަމާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަސައްކަތަށް ނުނިކުމެވޭ ގޮތައް އޭނާ ސަސްޕެންޑް ކުރުމުންނެވެ. މިހާރު މިމައްސަލަ ތާވަލްކޮށްފައިވަނީ މިމަހުގެ 17ވަނަ ދުވަހަށެވެ.