ޚަބަރު

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރަން ކޮމިޓީން ފާސްކޮށްފި


ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙު ކޮމިޓިން ފާސްކޮށްފިއެވެ. ކައުންސިލްތަކުގެ ޢުމުރު އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން އިޞްލާޙު ހުށައެޅުއްވި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ކޮމިޓިން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިހާރު ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ތަރައްޤީއަށް ތިން އަހަރު ދުވަހުގެ ތެރޭގައި މާބޮޑު މަސައްކަތްތަކެއް ނުކުރެވުންކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ޕްލޭންތައް ހަދައި ރައްޔިތުންނަށް ބޭނުންވާ ނަތީޖާ ނެރުމަށް ތިން އަހަރު ދުވަހަކީ ކުރު މުއްދަތެއްކަމަށް ކައުންސިލްތަކުންވެސް ފާހަގަކުރެއެވެ.

ކޮންމެ ތިން އަހަރަކުން އިންތިޚާބު ބާއްވަންޖެހުމަކީ ދައުލަތުގެ ބަޖެޓަށް ބުރަވެސް ބޮޑުވާ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެކަން ހައްލުކުރުމަށް ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން ފަސްއަހަރަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ޤާނޫނު އަސާސީއަށް އިޞްލާހެއް ހުށައަޅާފައެވެ. އަދި މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްވެސްމެއެވެ.

ކައުންސިލްތަކުގެ ޢުމުރު އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙު ދިރާސާކުރަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން ފޮނުވިގޮތަށް އެ އިޞްލާޙު ފާސްކޮށް ތަޅުމަށް ފޮނުވާފައެވެ.

މި އިޞްލާޙު ތަޅުމުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިޚާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއާއެކު ރާއްޖޭގައި ބާއްވާ މައި ތިން އިންތިޚާބުގައިވެސް ދައުރު ބެހިގެންދާނީ 5 އަހަރު ދުވަހަށެވެ.

ޤާނޫނު އަސާސީއަށް ގެންނަ އިޞްލާޙުގެ އިތުރުން ލާމަރުކަޒީ ޤާނޫނަށްވެސް ސަރުކާރުން ވަނީ ބޮޑެތި އިޞްލާޙުތަކެއް ހުށައަޅާފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމް މިހާރު ހިންގާ ގޮތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް އާއި މޭޔަރުން ކަނޑައަޅަނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއެކު، ކައުންސިލްގެ މޭޔަރުންނާއި ރައީސާއި ނައިބު ރައީސުންވެސް އިންތިޚާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ. މިއީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ތަންފީޒްކުރުމަށް ގެންނަ ބަދަލުތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.