ޚަބަރު

އާސަންދަ ސްކީމް އިޞްލާޙުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް - ޝައުނާ


ސަރުކާރުން ހިލޭ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސްކީމް އާސަންދަ އިޞްލާޙުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ރައިސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިހާރުކުރިއަށްގެންދާ ޢާއްމު ސިއްޙަތުގެ މަހާސިންތާގެ 2ވަނަ ދުވަހަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ އާސަންދައަކީ ދައުލަތުގެ ޚަރަދު އެންމެ ބޮޑު އެއް އިދާރާކަމަށްވުމުން އެކަން ކުރެވެނީ މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ދަށުންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މީގެކުރިން އިތުރު އެޖެންސީތައް މެދުވެރިކޮށް އާސަންދައިގެ ޚިދުމަތް ބޭރު ޤައުމުތަކުގައި ދެމުން އައިނަމަވެސް އެކަން މިހާރު ބަދަލުކޮށް ސީދާ ހޮސްޕިޓަލުން އާސަންދަ ހަމަޖެހޭނެ ގޮތްތައް ހަމަޖައްސާފައިވާކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އާސަންދަ ސްކީމްގެ ދަށުން ލިބެން ހުންނަ ބޭސްތަކުގެ އަގު އެއްހަމަކުރުމަށްވެސް މަސައްކަތްކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ ސިއްޙީ ދާއިރާއަކީ ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން ހިންގާ ދާއިރާއަކަށް ހެދުމަށް މަސައްކަތްކުރަމުންގެންދާކަމަށެވެ.

3 ދުވަހުގެ މިމަހާސިންތާގައި ބައިވެރިވާ ސިއްޙީ ދާއިރާގެ އެކި ފަންތީގެ ބޭފުޅުންވަނީ އާސަންދަ ސްކީމާއި ސިއްޙީ ދާއިރާގެ ޚަރަދުތައް ހިނގާ ގޮތްތަކާއި އިތުރަށް ޚަރަދު ކުރަންޖެހޭ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައެވެ. ޢާއްމު ސިއްޙަތުގެ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މިމަހާސިންތާގެ 2ވަނަ ދުވަހު ކުރިއަށްގެންދިޔައީ ސިއްޙީ ކަންކަން ޕްރޮމޯޓް ކުރުމާއި ސިއްޙީ ދާއިރާއަށް ފައިނޭންސްކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ސިއްޙީގޮތުން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމާއި އެކިއެކި މަޝްރޫޢުތައް ހިންގާއިރު ސިއްޙީ ގޮތުން ބަލަންޖެހޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި. އެގޮތުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ހަދާ އެންވަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ފަދައިން ހެލްތު އެސެސްންޓްގެ މުހިއްމުކަން މިއަދުގެ މަހާސިންތާގައިވަނީ ފާހަގަކޮށްފައެވެ.