ހިންދީ މީޑިއާތަކުން މިއަހަރު އެންމެ ގިނަ ސުރުހީތަކުން ޖާގަ ހޯދި އެކަކަށްވާނީ މަޝްހޫރު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއެވެ. "ޕަދްމާވަތް"ގެ ކާމިޔާބީއަށްފަހު ބަންސާލީގެ އާ ފިލްމް " އިންޝާﷲ" ސަލްމާނާއި އާލިއާ އާއި އެކު އިއުލާންކުރިއެވެ. ސަލްމާން ހާނާއި ބަންސާލީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު އެތައް ގެއްލުމަކާއި އެކު ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ގޮތުން މިހާތަނަށްވެސް ސަލްމާނާއި ބަންސާލީވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.
އެ ވާހަކަތަކަށްފަހު ބަންސާލީ ވަނީ އަނެއްކާވެސް އާ ފިލްމެއް އާލިއާ ހިމަނައިގެން އިއުލާންކޮށްފައެވެ. އެއަށްފަހު ދާދީ ފަހުންވަނީ އަނެއްކާވެސް އާ ފިލްމެއް އިއުލާންކޮށްފައެވެ. " ބައިޖޫ ބައުރާ" ގެ ނަމުން ނަންދީފައިވާ މި ފިލްމާއި އެކު ބަންސާލީ މިވަނީ އަނެއްކާވެސް ސުރުހީތަކަށް އަރާފައެވެ.
މި ފަހަރު " ބައިޖޫ ބައުރާ" ގެ ލީޑު ރޯލުން ފެންނާނެ ތަރިއަކާއި މެދުއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ލީޑްރޯލް އެންމެ ފުރަތަމަ ދޭން ނިންމީ ބަންސާލީގެ އެންމެ ފަހުގެ ފިލްމުތަކުން ފެނިގެން ދިޔަ ރަންވީރު ސިން އަށެވެ. އެހެންނަމަވެސް އޭނާ އެއްބަސްނުވުމުން އަޖޭއަށް ވެސް ފިލްމު ހުށައެޅިއެވެ. އަޖޭވެސް އެއްބަސް ނުވުމުން މިހާރު އެ ފިލްމް ރިތިކަށް ހުށައަޅާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިތިކް އާއި ބަންސާލީ ވަނީ ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ބަންސާލީ މި ފިލްމް ރިތިކަށް ހުށައެޅީ ރިތިކްގެ އެންމެ ފަހުގެ ފިލްމް "ސުޕަރ 30" އާއި "ވާރ" ގެ ކަމީޔާބީ އަށް ފަހުކަމަށްވެއެވެ.
ރިތިކް ފިލްމަށް އެއްބަސްވެފައިވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށް ރަސްމީކޮށް ފިލްމުގެ ވާހަކަތައް ދާދި އަވަހަށް އިއުލާންކުރާނެކަމަށްވެސްވެއެވެ.
"ސުޕަރ 30" އާއި "ވާރ" ގެ ކަމީޔާބީ އަށް ފަހު ރިތިކް ފިލްމަކަށް އެއްބަސްވިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ އެނާގެ ބައްޕަ ރާކޭޝް ރޯޝަން އުފައްދާ "ކްރިޝް 4 " އަކަށެވެ.