އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހުށައެޅުއްވި ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚްގައި ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.
ބަޖެޓް ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ބަޖެޓް ބަހުސް ކުރިއަށް ގެންދަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅާތާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ މުހުލަތެއް ދިނުމަށްފަހުކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަކަމަށްވެސް ފިނޭންސް މިނިސްޓްރީން ހުށައެޅި ބަޖެޓްގައި ވަނީ ލަފާކޮށްފައި.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލެއްގެމަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ބަޖެޓު ހުށައަޅުއްވަމުން ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބެޖެޓް ނަންބަރެއްގެ ބަދަލެއްގައި، ބަޖެޓް ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗަރއެއް އެކުލަވާލާފައިވާ ބަޖެޓްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.