ސިޔާސީ

ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި


ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައިގައި އަޑުއެހުން ފަސްކޮށްފިއެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިއޮތް އަޑުއެހުން ފަސްކުރީ، ފަނޑިޔާރު އާދާމް މުޙައްމަދު ދަތުރުފުޅެއްގައި ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާތީކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ފަނޑިޔާރު އދަތުރުފުޅަށްފަހު އެނބުރި ވަޑައިގަތުމުން އަޑުއެހުން އަލުން ތާވަލުކުރެވޭނެކަމަށް ވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހުއެވެ. އެއަޑުއެހުމުގައި އާދަމް މުޙައްމަދަށް ވަނީ ޤާނޫނީ ވަކީލަކު ހަމަ ޖައްސުމަށް ފުރުސަތުދީފައެވެ.

ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައާ ގުޅޭގޮތުން އެފަނޑިޔާރާ ސުވާލު ކުރުމަށް އެންމެ ފަހުން ބޭއްވި މަޖިލީހުގައި އާދަމް މުޙައްމަދުއާއެކު ވަކީލެއް ވަޑައެއް ނުގަންނަވައެވެ. ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވީ ވަކީލެއްގެ ގޮތުގައި ހަމަ ޖެއްސެވީ ޤާނޫނީ ވަކީލް އަޙްމަދު މާޖިދު ކަމަށެވެ. ނަމަވެސް އޭނާ ވަޑައިނުގެންނެވީ ކީއްވެކަން އެނގިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ކުރިން ޤާނޫނީ ވަކީލަކަށް މި މައްސަލައިގައި ހަމަޖެއްސެވި ޑރ.މުހައްމަދު ޖަމީލް އަޙްމަދު މި މައްސަލައިގައި ބަލައިނުގަތުމަށް ނިންމެވި ނިންމެވުން އެ ކޮމެޓީން މުރާޖާ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޑރ.ޖަމީލް ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހަމަ ކަމުގެ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވިއެވެ.

މައްސަލަ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ކޮމެޓީން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޖޭއެސްސީގެ ޤާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ޑރ.ޖަމީލް ވަކީލެއްގެ ގޮތުގަައި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖާ ކުރަން ޖެހޭ ސަަބަބެއް ނެތް ކަމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާ، އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމީ އާދަމް މުޙައްމަދު އެދިވަޑައިގަތުމަށެވެ.