ކެޕިޓަލް މާކެޓްގައި ސަރުކާރުގެ ބިޔަ މަޝްރުޢުތަކަށް ފައިސާ ހޯދުމުގެ ޤާބިލްކަން އެބަހުރިކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ބޯޑު މެމްބަރު މުޙައްމަދު ޖައިޝް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕް މަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ކުރިއަށްގެންދާ "ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ބޯޑު މެމްބަރު މުޙައްމަދު ޖައިޝް ވިދާޅުވީ ފާއިތުވި 11 އަހަރުގެ މާޒީގައި ކެޕިޓަލް މާކެޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތައް މަދުކަމަށާއި މީގެ ސަބަބުން މާކެޓަށް ނިސްބަތުން ލިބޭ ކުރިއެރުން މަދުކަމަށެވެ.
އެހެންނަމަވެސް ކެޕިޓަލް މާކެޓުގައި މިހާތަނަށް ލިސްޓުކުރެވިފައިވާ ކުންފުނިތަކައް ބަލާއިރު ވެސް 2018ވަނަ އަހަރާއި ހަމައަށް ކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަން އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ޖައިޝް ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫތައް ހިންގުމަށް ސްޓޮކް އެކްސްޗޭންޖާއި ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ ސްޓެރެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ގުޅީފަޅު ތަރައްޤީކުރުމުގެ ޕްރޮޖެކްޓާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމާއި ރީޖަނަލް އަރބަން ސެންޓަރ ޑިވެލޮމްމެންޓް އަދި ހަލާލް ޓޫރިޒަމް ތަރައްޤީކުރުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ދެމެހެއްޓެނިވި މާލީ ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓް ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑު. އަދި މިފަދަ މަޝްރުޢުތަކުން ސަރުކާރުގެ ބަޖެޓަށް ބުރޫ ނާރާ، ދަރަނި ބޮޑުނުވެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކެޕިޓަލް މާކެޓްގެ ތެރެއިން ފައިސާ ހޯދުމުގެ ފުރުސަތު އޮތްކަމަށް އަޅުގަނޑު ފާހަގަކޮށްލަން." ޖައިޝް ވިދާޅުވިއެވެ.
މޯލްޑިވް ސްޓޮކް އެކްސްޗޭންޖުގައި މިހާތަނަށް 8 ކުންފުންޏެއް ރަޖިސްޓްރީވެފައިވެއެވެ. އެއީ އެސްޓީއޯ، އެމްޓީސީސީ، ބީއެމްއެލް، އެމްޓީޑީސީ، ދިރާގު، އަމާނާ ތަކަފުލް، އެޗްޑީއެފްސީ، ސެންޗޫރިއަން އަދި އުރީދޫ މޯލްޑިވްސްއެވެ.