ކެޕިޓަލް މާކެޓްގެ ތެރެއިން ރާއްޖޭގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، ކުންފުނިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަކީ ސީއެމްޑީއޭގެ އަމާޒެއްކަމަށް ޗެއަރމަން އަޙުމަދު މާޒިން ވިދާޅުވެއްޖެއެވެ.
ސީއެމްޑީއޭގެ ޗެއަރމަން މިހެން ވިދާޅުވީ އިން މިއަދު ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމްގައި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ޚާޝިމްއާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެމްޑީއޭގެ ޗެއަރމަން އަޙުމަދު މާޒިން ވިދާޅުވީ ކެޕިޓަލް މާކެޓް މެދުވެރިކޮށް ކުންފުނިތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދުމަކީ އެއޮތޯރިޓީން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެއްކަމަށެވެ. އެހެންކަމުން އެއޮތޯރިޓީގެ އަމާޒަކީ ކެޕީޓަލް މާކެޓްގެ ތެރެއިން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ބަރޯސާވާނެ މާލީ ނިޒާމެއް އުފެއްދުންކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިސާދުގެ ބޮޑު ބަޔަކީ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކަމަށްވާއިރު އަޅުގަނޑުމެންގެ އަމާޒަކީ މި ވިޔަފާރިތަކަށް ފަސޭހައިން ފަންޑު ފޯރުކޮށްދެވޭ މާކެޓަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ ދެދުށްފެންނަ ނިޒާމެއްގެ ތެރެއިން އެކި ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ކެޕިޓަލް މާކެޓްގެ ތެރެއިން ތަޢާރަފްކުރުން." ޗެއަރމަން އަޙުމަދު މާޒިން ވިދާޅުވިއެވެ.
މާޒިން ވިދާޅުވީ މިހާރުވެސް ސީއެމްޑީއޭއިން ޕްރައިވެޓް ޕްލޭސްމަންޓް އުސޫލެއްގެ ދަށުން އަމިއްލަ ކުންފުނިތަކަށް ފަންޑު ފޯރުކޮށްދިނުމުގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު މި މަސައްކަތުގެ އޮނިގަނޑު އެކުލަވާލެވި މި ނިޒާމް ވަރަށް އަވަހަށް ތަޢާރަފްކުރުމަށް ނިންމާފައިވާކަމަށް މާއިޒް ވިދާޅުވިއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ އަދި މޯލްޑިވް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ކުރިއަށްގެންދާ "ކެޕިޓަލް މާކެޓް ފޯރަމް"އަކީ ރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ކެޕިޓަލް މާރކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމާއި މިދައިރާގައި ހަރަކާތްތެރިވާ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މިދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ބާއްވާ ފޯރަމެކެވެ. މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމެވެ.
މިފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވެރިވާއިރު، ކެޕިޓަލް މާރކެޓްގައި ޝާމިލްވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް ކުރިއަށްދާނެއެވެ.