ޚަބަރު

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގައި އިންޑަސްޓްރީތަކަށް ވަކި ރޭޓްތަކެއް


މިނިމަމްވޭޖް ކަނޑައެޅުމުގައި އެކި އިންޑްސްޓްރީތަކަށް ވަކި ރޭޓްތަކެއް ކަނޑައެޅުމާމެދު މަޖިލީހުން އެކުލަވާލި ކޮމިޓީގައި މަޝްވަރާ ކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ނުވަތަ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އިސްމާއިލް ވިދާޅުވީ އުޖޫރަ ކަނޑައެޅުމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމުގެ ވިސްނުމެއް ނެތްކަމަށެވެ. ދިވެއްސަކަށްވީތީ ވަކި އުޖޫރައެއް ނުވަތަ ބިދޭސީއަކަށްވީތީ ވަކި އުޖޫރައެއް ކަނޑައެޅުމަކީ ވިސްނުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކި އިންޑަސްޓްރީތަކަށް އެންމެ ކުޑަމިނުން ދެވޭ މުސާރައަކީ ކޮބައިކަން ކަނޑައެޅުމަކީ އެންމެ ރަނގަޅުގޮތްކަމަށް މިމަސައްކަތް ކުރުމަށް މަޖިލީހުން އެކުލަވާލި ކޮމިޓީން ދެކޭކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މިކަމަކީ ވިސްނާނުލައި ކުރެވޭ ކަމަކަށް ވެއްޖެނަމަ އޭގެ ގެއްލުން ރާއްޖޭގެ އިޤްތިޞާދަށްވެސް ކޮށްފާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެކިއިންޑަސްޓްރީތަކަށް އެކި ރޭޓް ކަނޑައެޅުމުގައި މަޝްވަރާތަކުގައި ގޮސްފައިވޭ. މިވަގުތަށް ކަނޑައެޅިގެން ވަކިވަރެކޭ ދަންނަވަން ދަތިވޭ. ސަބަބަކީ ސަރުކާރުން ކަމާިއބެހޭ ފަރާތްތަކާއި އެއްކޮށް އެދަނީ މަސައްކަތް ކުރަމުން. މިމަސައްކަތަކީ ހަގީގަތުގައި ވަރަށްބޮޑު މަސައްކަތެއް. ވިސްނާނުލައި ކޮށްފިނަމަ މިކަން ނިމުން ޙަޤީޤަތުގައި ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑެތި އަސަރުތަކެއް ކޮށްފާނެ." އިސްމާއިލް ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަނީ ރާއްޖޭގެ މަސައްކަތްތެރިންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤު ކަށަވަރު ކޮށްދިނުމަށް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ސަޤާފަތަކީ އިންޑަސްޓްރީތަކުގެ ވެރިންނާއި އޯނަރުން މުއްސަނދި މަހުޖަނުންނަށް ވުންކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުން ރެއާއިދުވާލު ބުރަ މަސައްކަތްކޮށް ވެރިންގެ ޖީބު ބަރުކުރާ ބަޔަކަށް ހެދުމަކީ ރާއްޖޭގައި އޮތް ސަޤާފަތެއްކަމުން މި ބިލާއެކު އެކަން ބަދަލުކޮށް އާންމު މަސައްކަތު މީހާއަށް ލިބެންޖެހޭ ޙައްޤު އުޖޫރަ ދިނުން ލާޒިމްވާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"ވިޔަފާރިވެރިން ތަނަވަސްވެ މުވައްޒަފުން ނިކަމެތިވުމަކީ ބަލައިގަންނަ ކަމެއްނޫން. އާންމު މީހާއަށްވެސް ތަނަސްކަން ލިބެންޖެހޭ. ހަމައެކަނި ވެރިމީހާ އަބަދު މުއްސަނދިވާ ގޮތަކަށްނޫން އަޅުގަނޑުމެން ކަންކަން ބައްޓަންކުރަންވީ. މިކަން މިނޭއިރު މުޅި އިންޑަސްޓްރީއަށް ވަރަށް ހެޔޮބަދަލުތަކެއް އަންނާނެ." އިސްމާއިލް ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިމައްސަކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމައި އެންމެ ކުޑަމިނުންދެވޭ އުޖޫރަ ކަޑައެޅިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގައި ބައެއްފަރާތްތަކުން ދެކޭ ގޮތުގައި މިކަން ކަނޑައެޅިގެންދާންޖެހޭނީ ހަމައެކަނި ދިވެހިންނަށެވެ. އެންމެ ކުޑައުޖޫރަ ދެވޭ ލިސްޓުގައި ބިދޭސީން ހިމެނޭނަމަ މިކަންވާނީ ދައުލަތަށްވެސް އަދި އެހެން އިންޑަސްޓްރީތަކަށްވެސް ނުއުފުލޭވަރުގެ ތަކުލީފަކަށް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ކުޑައުޖޫރަ ދިނުމުގައި އިންޑަސްޓްރީތަކަށް ވަކިވަކި ރޭޓްތަކެއް ކަނޑައަޅައިފިނަމަ މިކަމުން ހަމަހަމަކާއި އިންސާފް އެންމެންގެ މެދުގައި ޤާއިމްކުރެވިގެންދާނެކަމަށް، އެންމެ ކުޑައެޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީންވެސް ދެކެއެވެ.