ރާއްޖޭގައި އަލަށް ހަދާ އިމާރާތްތަކަށް ޕައިޕްލައިން މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މޯލްޑިވް ގޭހުގެ ޗެއަރމަން އަދި އެކްޓިން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝިފާން ވިދާޅުވީ އަލަށް ހަދަމުންދާ އިމަރާތްތަކަށް ގޭސް ސިލިންޑަރުގައި ގޭސް ފޯރުކޮށްދިނުމުގެ ބަދަލުގައި ޕައިޕްލައިން މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް ފެށުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ.
ޝިފާން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ 2 އިމާރާތެއްގައި ޕައިޕްލައިން އެޅުމަށްޓަކައި ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ. މި ޕްރޮޖެކްޓާއެކު ގޭބިސީތަކަށް ގޭސް ސިލިންޑަރުގެ ބަދަލުގައި ފަސޭހައިން ގޭސް ލިބޭނެ މަގު ފަހިވެގެންދާނެކަމަށް ޝިފާން ވިދާޅުވިއެވެ.
"މީގެ އެއް ފައިދާއަކަށްވޭ އަބަދު އަޅުގަނޑުމެން މި އުފުލަންޖެހޭ ފުޅީގެ މައްސަލައަށް ހައްލު ލިބުން. މި ސިސްޓަމްގައި ބިލިންގ އާއި ހުރިހާކަމެއް ކުރެވޭނެ. މި ދެ ބިލްޑިންގ ގައި ކުރިއަށްއޮތް ތަނުގައި ކުރިއަށްދާނެ. މީގެ ސަބަބުން މާލޭގެ ޓްރެފިކް ފްލޯއާއި ހެދި ގޭސް ފޯރުކޮށްދިނުމަށް ބުރޫޢަރާ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ. " ޢަހުމަދު ޝިފާން ވިދާޅުވިއެވެ.
މިޕްރޮޖެކްޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވް ގޭސް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިކްރާމް ވިދާޅުވީ ރާއްޖޭގައި ގޭސް ޕައިޕްލައިން އެޅުމުގެ މަސައްކަތަކީ ކުންފުނީގެ ކުރިއަށްއޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެއްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދަން ރާވާއިފައިވަނީ މީގެ ފީސިބިލިޓީ ބެލުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއްކަމަށެވެ.
މޯލްޑިވް ގޭސް އިން ކުރިއަށްގެންދާ މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ގޭސް ހޮޅި ގުޅުމަށް ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި ހުޅުމާލޭގައި ހަދަމުންދާ ޕޮލިސް ބިލްޑިންގވެސް ހިމެނެއެވެ. އިކްރާމް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދާނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ "ސިންގަޕޯރ ސްޓޭންޑަރޑް" އާއި ހަވާލުކޮށްގެންކަމަށެވެ.
އިކްރާމް ވިދާޅުވީ ޕައިޕްލައިން މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އިމާރާތެއްގެ ތިރީގައި ނުވަތަ ކައިރީގައި މިކަމަށް ޚާއްސަ ޓޭންކެއް ހުންނާނެ ކަމަށެވެ. އަދި މި ޓޭންކުތަކުން ކޮންމެ ގެއަކަށް ހޮޅި ބޭނުންކޮށްގެން ގޭސް ފޯރުކޮށްދެވޭނެކަމަށެވެ. އަލަށް ހަދާ އިމާރާތްތަކުގައި މި މަސައްކަތް ފަށަން ނިންމީ ވެސް މި ސަބަބާއި ހެދިކަމަށް އިކްރާމް ވިދާޅުވިއެވެ.
ކޮންމެ ގެއަކަށް ގޭސް ހޮޅިއެއް ވެއްދުމަކީ ރައްކާތެރިކަމެއްތޯ މިއީ އާންމުންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އަލިފާނުގެ ހާދިސާތައް ހިނގަމުންދާއިރު މިއީ ކުރުން އެންމެ ރައްކާތެރި ކަމެއްތޯވެސް ސުވާލު އުފެދެއެވެ.
މޯލްޑިވް ގޭހުން ބުނީ މިއީ ގޭސް ސިލިންޑަރުތަކަށް ވުރެ މާރައްކާތެރި ވަސީލަތެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ވެސް މިހާރު ބޭނުންކުރަމުންދާ ފެންވަރު ރަނގަޅު ވަސީލަތެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ވިދާޅުވީ މިޕްރޮޖެކްޓް ފެށުމަށް އެމްއެންޑީއެފްގެ ހުއްދަވެސް މިހާރު ލިބިފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ނެޝަނަލް ބިލްޑިންގ ކޯޑުގައި ޕައިޕްލައިން އެޅުމާއި ބެހޭ އުސޫލެއް ނެތުމުން މި މަސައްކަތް ކުރިއަށްގެންދަން ދަތިތަކެއް ހުރި ކަމަށެވެ.
އިކްރާމް ވިދާޅުވީ މިއީ ހުރިހާ ގޮތަކުން ވެސް ސިލިންޑަރ ގޭހަށްވުރެ އަގުހެޔޮ ގޭހެއްކަމަށެވެ. މި ޕައިޕްލައިން ޕްރޮޖެކްޓްގެ ދަށުން ގޭސް ގަނެވޭނެ ނިޒާމަކާއި ފައިސާ ދެއްކޭނެ ނިޒާމެއް ތަޢާރަފްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޭސް ގަތުމަށް މޯލްޑިވް ގޭހުގެ ކައުންޓަރުތަކުން "ޕްރީޕެއިޑް" ކާޑެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ކާޑު ގޭގައި ހަރުކޮށްފައިވާ ޚާއްސަ މީޓަރުގައި ޖެއްސުމާއެކު ކަސްޓަމަރުންނަށް ގޭސް ގަނެލެވޭނެއެވެ.
ސިލިންޑަރުގައި ވިއްކާ ގޭހަށްވުރެ މި ގޭހުގެ އަގު ހެޔޮވާނެކަމަށް ބެލެވުނު ނަމަވެސް، އިކްރާމް ވިދާޅުވީ މި ނިޒާމުގެ ދަށުން ގޭސް ވިއްކާ އަގުގެ ތަފްސީލް ހާމަކުރެވޭނީ ޕައިލެޓް ޕޮރޮޖެކްޓުގެ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށެވެ.
އިކްރާމް ވިދާޅުވީ މޯލްޑިވް ގޭހުގެ އަމާޒަކީ 2024 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ގިނަ އިމާރާތްތަކުގައި ގޭސް ޕައިޕްލައިންތައް އެޅުންކަމަށެވެ. އަދި ކުންފުނީގެ ދިގު ރާސްތާ ޕްލޭނަކީ ގޭބިސީތަކަށް ފޯރުކޯށްދޭ ގޭހުގެ ޚިދުމަތް ޕައިޕްލައިން މެދުވެރިކޮށް ދިނުން ކަމަށްވެސް މޯލްޑިވް ގޭހުން ބުނެއެވެ.