ކުޅިވަރު

ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބުދަ ދުވަހު ބާއްވަނީ


ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަ ބުދަ ދުވަހު ބާއްވަން ދިރާގުން ތައްޔާރުވެއްޖެއެވެ.

2011 ވަނަ އަހަރުން ފެށިގެން ދިރާގުން ބާއްވަމުން އަންނަ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއަކީ ކުޅިވަރު ކުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ޝާމިލްކޮސް މިދާއިރާއިން އެކުދިން ކުރިއެރުވުމަށްޓަކައި ދިރާގުގެ ސީއެސްއާރް ޕްރޮގްރާމުގެ ދަށުން އެކުންފުނިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއަހަރުގެ މި ފެސްޓިވަލްގައި 4 އެންޖީއޯއަކާއި 14 ސްކޫލަކުން ބައިވެރިވާއިރު 400 އަށްވުރެ ގިނަ ކުދިން މި ފެސްޓިވަލްގައި ބައިވެރިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއެސްއާރް މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވީ 2011 ވަނަ އަހަރު ދިރާގުން ބޭއްވި މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވީ އެންމެ 17 ކުދިންކަމަށެވެ. ނަމަވެސް އަހަރަކަށް ވުރެ އަހަރެއް މި ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވެ މިހާރު ގިނަ އަދަދެއްގެ ކުދިން މި ހަރަކާތުގައި ބައިވެރިވާކަމަށް ބިޝާރާ ފާހަގަކުރެއްވިއެވެ.

ބިޝާރާ ވިދާޅުވީ މި ހަރާކާތުގެ ތެރެއިން ދިރާގުން އެންމެ އިސްކަމެއް ދެނީ ބައިނަލްއަޤްވާމީ ފެންވަރުގައި ހިމެނޭ ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރުތައް ރާއްޖެއަށް ތަޢާރަފްކުރުންކަމަށެވެ.

"މި ހަރަކާތުގައި ބައިވެރިވާ ކުދިން ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވާ ކުދިން ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވެ ފަޚުރުވެރި ވަނަތައް ހޯދަމުން އެބަދޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ސްޕެޝަލް އޮލިމްޕިކްސް ގައި ހިމެނޭ ކުޅިވަރުތައް ރާއްޖެއަށް ތަޢާރަފްކުރުން." ބިޝާރާ ވިދާޅުވިއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ އެންޖީއޯއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިޒޭބަލްސްގެ ޗެއަރމަން އަޙުމަދު މުޙައްމަދު ވިދާޅުވީ ދިރާގުން ކުރިއަށްގެންދާ މި ހަރަކާތަކީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. އޭނާ ވިދާޅުވީ އެޖަމުޢިއްޔާގެ އަމާޒަކީ މި ފެސްޓިވަލްގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްއަށް ކުދިން ނެރުން ކަމަށެވެ.

"މި ފެސްޓިވަލްގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރާ އޮލިމްޕިކްސްއަށް ކުދން ނެރުމުގެ މަސައްކަތްކުރަމުން މި ދަނީ. އަދި ސްޕެޝަލް އޮލިޕްމިކްސްއަށް ރެޖިސްޓްރީކުރުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ." އަޙުމަދު ވިދާޅުވިއެވެ.

މިފަހަރުގެ ފެސްޓިވަލްގައި ތަފާތު ކުޅިވަރުތައް ހިމެނޭއިރު އޭގެ ތެރޭގައި ކޮމްޕެޓިޓީވް ރަނިންގ، ވީލް ޗެއަރ ރަނިންގ އަދި ބޯޝުއަރ ފަދަ ކުޅިވަރުތައް ހިމެނެއެވެ. ދިރާގުން ބުނީ މިފަހަރުގެ ފެސްޓިވަލްއަށް ތަފާތު ގޭމްސްތައް އިތުރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.