އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމްކޮށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ފަރަންސޭސިވިލާތުން ކުރަމުން ގެންދާ ސުލްހައިގެ މަސައްކަތްތަކަށް އިސްރާއީލުގެ ހައްދުފަހަނަޅާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ބައެއް އަރަބި ގައުމުތަކަށާއި އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނާ ސުލްޙަވުމަށް އިސްރާއީލަށް މަޖްބޫރު ކުރުވަން ބޭރުގެ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.އިސްރާއީލުގެ ހައްދުފަހަނަޅާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު މިސްރަށް ވަޑައިގެން ދެއްވި ބަޔާނާ ގުޅިގެންނެވެ.މިބަޔާނުގައި ފެބިއޮސްވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޣައިރު ގާނޫނީ މަޝްރޫއެއް ކަމަށްވާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްޫއަށް ފާޑުވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ. އަދި އިސްރާއިލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތައް ހުއްޓިފައި އޮންނަ އޮތުމަކީ ބޮޑު މައްސަލައެއް ކަމަށްވެސްް މިބަޔާނުގައި ފެބޮއޮސްވަނީ ސިފަކުރައްވާފައެވެ.އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް ހުއްޓިފައި އޮންނަ އޮތުމަކީ އަރަބި އިސްރާއީލުގެ އަރާރުމުގެ އައު މަރްޙަލާއެއްގެ ފެށުންކަމަށް ވެދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ގާހިރާގައި ދެއްވި ބަޔާނުގައި ފެބިއޮސް ވިދާޅުވެފައިވެއެވެ.ސުލްހައިގެ ވާހަކަތައް ހުއްޓިފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ހުއްޓާލުމަށް ނޫނީ މަޑުޖައްސާލުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުންނެވެ.ނަތަނިޔާހޫގެ ފާޑުވިދާޅުވުންތަކާއެކުވެސް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސްވަނީ މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ އިސްރާއީލަށް ވަޑައިގެން ނަތަނިޔާހޫ އާ ބައްދަލުކުރައްވާފައެވެ.ނަތަނިޔާހޫއާ ބައްދަލުކުރެއްވުމުގެ ކުރިން ފެބިއޮސް ވަނީ ސުލްހައިގެ ވާހަކަތައް އަލުން ފެއްޓޭތޯ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ނިމުމުގެ ކުރިން އެމަސައްކަތުގެ މައްޗަށް ހުކުމްތައް ނުކުުރުމަށް ގޮވާލައްވާފައެވެ. މިއީ ނަތަނިޔާހޫގެ ފާޑުވިދާޅުވުންތަކަށް ކުރެއްވި އިޝާރާތެއް ކަމަށް މުރާސިލުން ބުނެއެވެ.އިސްރާއީލުން ހިފާފައިވާ ގުދްސުގައި ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސްގައި ނަތަނިޔާހޫ ވަނީ ފަލަސްތީނުގެ ހައްގުތަކާއި މިނިވަންކަމުގެ މައްސަލާގައި އދ. ން ފާސްކޮށްފައިވާ ގަރާރުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން އދ. ގެ ގަރާރުތަކަކީވެސް އިސްރާއީލުގެ މައްޗަށް އަންނަ ބޭރުގެ ނުފޫޒެއްކަމަށާ ބޭރުގެ މިފަދަ ނުފޫޒުތަކުން މައްސަލަ ހައްލުނުކުރެވޭނެ ކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ.ފަލަސްތީނުގެ ބިންތައް ގަދަބާރު ހިފައިގެން އުޅޭ އިސްރާއީލަކީ ޒަމާނުއްސުރެ އދ. އަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ނުކިޔަމަންތެރިކަން ދައްކާ އަދި އދ. ގެ ގަރާރުތަކަށް ފާޅުގައި ގޮންޖަހަމުންދާ ހަރުކަށި ގައުމެކެވެ.އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ހުއްޓިފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ހުއްޓާލުމަށް އިސްރާއީލު ދެކޮލު ހެދުމާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގައެވެ.