ދުނިޔެ

ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އުރްދުޣާން ގޮވާލައްވައިފި


ތުރުކީގައި އެންމެފަހުން
ބޭއްވި އާންމު އިންތިޚާބުގެ
ނަތީޖާއަށް ރިޢާޔަތްކޮށް ކޯލިޝަން
ސަރުކާރެއް އަވަހަށް އެކުލަވާލުމަށް
އެގައުމުގެ ސިޔާސީ ޕާޓީތަކަށް
ރައީސް ރަޖަބް ތައްޔިބު
އުރްދުޣާން ގޮވާލައްވައިފިއެވެ.



އުރުދުޣާން ވިދާޅުވީ
ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި
ސިޔާސީ ޕާޓީތައް ނާކާމިޔާބު
ވެއްޖެނަމަ ދެންޖެހޭނީ އަނެއްކާވެސް އަލުން އިންތިޚާބެއް
ބާއްވަން ކަމަށާ މިއީ
ނަތީޖާ ރަނގަނޅު ނުވެދާނެ
ކަމެއް ކަމަށެވެ.



މިމަހުގެ ކުރީކޮޅު
ތުރުކީވިލާތުގައި ބޭއްވި އާންމު
އިންތިޚާބުގައި ތުރުކީގައި ވެރިކަން
ކުރާ އިސްލާމީ ފިކުރުގެ
ޕާޓީކަމަށްވާ ޖަސްޓިސް އެންޑް
ޑިވެލޮޕްމެންޓް ޕާޓީއަށްވަނީ ފުރަތަމަ
ފަހަރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު
ގެއްލިފައެވެ. މިއާއެކު އެޕާޓީއަށްވަނީ، ވާދަވެރި އެހެންޕާޓީއަކާއި
ގުޅިގެން ކޯލިޝަން ސަރުކާރެއް
އުފައްދަންޖެހިފައެވެ.



މިއިންތިޚާބުގައި އެެއްޕާޓީއަކަށް އެންމެ
ގިނަ ގޮނޑި ލިބިފައިވަނީ
ވެރިކަން ކުރާ ޖަސްޓިސް
އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށެވެ. ޖަސްޓިސް
އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް
ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިގެން ދިޔުމަކީ
ރައީސް ރަޖަބް ތައްޔިބު
އުރުދުޣާނަށް ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ވަރަށްބޮޑު
ވެއްޓުމެއް ކަމަށް ވަނީ
ބެލެވިފައެވެ.