ކުރީގެ ސަރުކާރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ 115 ތަނެއްގެ ތެރެއިން 70 ތަނެއްގެ މަސައްކަތް ކުރިއަށްނުދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރަށްތަކާއި ފަޅުތައް ހިމެނޭހެން އެކި ބޭނުމަށް 115 ތަނެއް ލީސް އެގްރީމަންޓަށް ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ކުރީ ސަރުކާރުން ލީސް އެގްރީމަންޓްގެ ދަށުން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތަފްސީލީ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ސަތޭކައަށް ވުރެ ގިނަ ރަށްތަކާއި ފަޅުތައް ލީސް އެގްރީމަންޓުގެ ދަށުން އެކި ފަރާތްތަކަށް ދޫކޮށްފައިވާކަމަށާއި މީގެ ތެރެއިން 70 ތަނެއްގެ ތަރައްޤީގެ މަސައްކަތް ފާށާފައިވީނަމަވެސް މި ތަންތަނަށް އެއްވެސް ކުރިއެރުމެއް މިހާތަނަށް ވެސް ލިބިފައިނުވާކަމަށެވެ. މީގެ އިތުރުން ގެސްޓްހައުސްތަކާއި ހޮޓެލްތައް ތަރައްޤީކުރުމަށް ވެސް 21 ބިމެއް ލީސް އެގްރީމެންޓްގެ ދަށުން ދޫކޮށްފައިވާކަމަށާއި ނޮވެމްބަރު 17ގެ ކުރިން މި ތަންތަން ބަލާ ފާސްކުރާނެކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
"ލޯކަލް ޓޫރިޒަމަކީ ވެސް ޒިންމާއެއް. ރަށު ފަތުރުވެރިކަމަށް ގޮންޖެހުން އަންނާނެ ކަންތައްތައް ހައްލުކުރާނަން. މި ކަމާއި ގުޅިގެން ކައުންސިލްތަކާއި އެއްކޮށް މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަން ނޮވެމްބަރު 17ގެ ކުރިން އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ސާފުކޮށްދޭން ޤާނޫނާއި ޚިލާފު އެއްވެސް އެކްޓިވިޓީއެއް ރާއްޖޭގައި ނުހިނގާނެކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.
ލީސް އެގްރީމަންޓަކާއި ނުލައި ވެސް ރަށްތައް އެކި ފަރާތްތަކާއި ހަވާލުކުރުމަށް ކުރީގެ ސަރުކާރުތަކުން ގެޒެޓްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް ކޯޓު މަރުޙަލައިގައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ރިސޯޓު ތަރައްޤީކުރުމަށް ދީފައިވާ ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ރަށްތައް ފަޅުވެ ގެއްލުމެއް ލިބުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް އާންމުންނަށް ބޭނުންކުރެވޭ ގޮތަކަށް އުސޫލުހެދުމަކީ މުހިއްމުކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކާއި ގުޅިގެން މި އިންތިޒާމް ހަމަޖައްސާނެކަމަށެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތާވަލާއެކު ކުރިއަށްދާކަމަށާއި ޕޮލިސީސްތަކުގައި ނިންމަން ހުރި ކަންކަން އަންނަ އަހަރު މޭމަހުގެ އެއްވަނަ ދުވަހުގެ ކުރިން ތަންފީޒުކުރަން ފަށާނެކަމަށެވެ.