ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމް.އާރު.އައިގެ ޚިދުމަތް ފަށާނެ - އަމީން


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމް.އާރު.އައިގެ ޚިދުމަތް ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށްބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދުރަށް ދަތުރުނުކޮށް ލުއިފަސޭހަކޮށް ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަކީ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ. އަދި މިފެށި ޚިދުމަތް ތަކަކީ މިކަމުގެ ރަމްޒެއްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މާލެފިޔަވައި އެންމެ ފުރަތަމަ މިޚިދުމަތް ދޭންފެށި ފުރަތަމަ ހޮސްޕިޓަލްކަން ފާހަގަ ކުރައްވައި މިއީ ފަސްދޮޅަސް ފަސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ފެށި ޚިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަތޮޅުތެރޭގެ ސިއްސީ ހިދުމަތްތައް ތަރައްގީ ކުރުމަކީ މިސަރުކާރުން ވަރަށް އިސްކަންދީގެން ކުރަމުންގެންދާކަމެއް. އެކަމުގެ ރަމްޒެއް މިރޭ ފެށިގެން މިދިޔަ ހިދުމަތްތަކަކީ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމް އާރު އައިގެ ހިދުމަތް ފެށިގެންދާނެ. އަދި މީގެ އިތުރުން ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭން 30 އެނދު އިތުރު ކުރެވިގެންދާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލަކަށްވާތީ ސަރުކާރުގެ އަމާޒަކީ މިސަރަޙައްދުގެ ރައްޔިތުންނަށް ދުރަށް ދަތުރުނުކޮށް ފުރިހަމަ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.