ވިޔަފާރި

ހޭސް ޓްރެވެލްސްއިން ބަނގުރޫޓުވެފައިވާ ތޯމަސް ކުކްގެ 555 އޮފީހެއް ގަނެފި


އިނގިރޭސިވިލާތުގެ ޓްރެވެލް އޭޖެންސީއަކުން ބަނގުރޫޓުވެފައިވާ ތޯމަސްކުކްގެ 555 އޮފީސް ގަނެފިއެވެ.

ތޯމަސް ކުކްގެ މި އޮފީސްތައް ގަނެފައިވަނީ އެކުންފުންޏާއި އެންމެ ގާތުން ވާދާކުރާ "ހޭސް ޓްރެވެލް" ކުންފުނިންނެވެ. މި ކުންފުނިން ވަނީ ތޯމަސްކުކްއިން ދުނިޔޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ 555 އޮފީހެއް ގަނެފައެވެ. މިއާއެކު ބަނގުރޫޓުވެފައިވާ ތޯމަސްކުކްގެ ކުރީގެ މުވައްޒަފުންގެ ތެރެއިން %25 މުވައްޒަފުންނަށް "ހޭސް ޓްރެވެލް" އިން ވަނީ އަލުން އަނބުރާ ވަޒީފާ ހޯދައިދީފައެވެ. މިއީ ގާތްގަނޑަކަށް 2500 ވަޒީފާއެވެ.

ހޭ ޓްރެވެލްސް އިން ބުނީ އެކުންފުނިން ތޯމަސް ކުކްގެ އޮފީސްތައް ގަނެފައިވަނީ އެކުންފުންޏަށް ބަދަލުތަކެއް ގެނެސް ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށްކަމަށެވެ. ވަކީން ޚާއްސަކޮށް ދުނިޔޭގެ އެންމެ ޒަމާންވީ ޓްރެވެލް އޭޖެންސީގެ މުވައްޒަފުން އެކުންފުނީގެ ދަށަށް އައުން ވެގެންދާނީ ކުންފުންޏަށް ވެސް އިތުރު ކުރިއެރުން ލިބިގެންދާނެކަމެއްކަމަށް "ހޭސް ޓްރެވެލް" އިން ބުނެއެވެ.

ހޭސް ޓްރެވެލްގެ ދަށުން މިހާރު ހިންގަމުންދަނީ އެންމެ 190 އޮފީހެވެ. އަލަށް ގަތް ތޯމަސްކުކްގެ 555 އޮފީހާއެކު ހޭ ޓްރެވެލްސްގެ އޮފީސްތަކުގެ ޢަދަދު 745 އަށް އަރާނެއެވެ.

40 އަހަރުގެ ދިގު ތާރީޚެއް އޮތް "ހޭސް ޓްރެވެލް" އަކީ ތޯމަސް ކުކްއަށް ފަހު އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ޓްރެވެލް އޭޖެންސީއެވެ. އަދި ތޯމަސް ކުކް ބަނގުރޫޓުވުމާއެކު އެންމެ ކުރީ ސަފުގައި މިހާރު އޮތީ ހޭސް ޓްރެވެލް އެވެ.

ތޯމަސް ކުކް ބަނގުރޫޓުވީ އެކުންފުނީގެ 2.1 ބިލިއަން ޑޮލަރުގެ ދަރަނިތައް އަދާކުރާނެ އެއްވެސް ގޮތެއް ނެތުމުންނެވެ. މިއާއެކު ކުންފުނީގައި މަސައްކަތް ކުރި 22 ހާސް މުވައްޒަފުންގެ ވަޒީފާވެސް ގެއްލިގެންދިޔައެވެ.