ގަލޮޅު ދަނޑުގައި ބިދޭސީން ޤަވާއިދަށް ފެއްތުމަށްޓަކައި ކުރިޔަށްގެންދާ ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އިއްޔެވެސް ގިނަ އަދަދެއްގެ ބިދޭސީން ނަން ނޯޓުކުރިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ގަލޮޅު ދަނޑުގައި ބިދޭސީން ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން އިއްޔެ އެކަނިވެސް 3265 ބިދޭސީންނަށް ނަންބަރު ދޫކުރިކަމަށެވެ. ކުރިން މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް މެދުވެރިކޮށް ދުވާލަކަށް ދޫކޮށްފައިވަނީ 150 ނަންބަރެވެ. އެހެންނަމަވެސް ގަލޮޅުދަނޑުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން ފަހަކަށް ކިޔުގައި ޖެހިގެން ތިބޭ ހުރިހާ ބިދޭސީންނަށް ވެސް ނަމްބަރު ދޫކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ނަންބަރުތައް ދޫކުރުމަށްފަހު ތަރުތީބުން ކޮންމެ ބިދޭސީއަކަށް ވާކް ޕާމިޓް ކާޑެއް ދޭނެކަމަށެވެ. އަދި އެއަށްފަހު ރެގުލައިޒޭޝަންގެ މަސައްކަތް ކުރިޔަށްދާނެކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިހާތަނަށް މި ޕްރޮގްރާމު މެދުވެރިކޮށް ޤަވާއިދަށް ފެއްތުނު ބިދޭސީންގެ އަދަދެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވާން ސަރުކާރުން ދީފައިވަނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށައެޅޭނެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
މިހާރުވެސް ރާއްޖޭގައި ވާކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހާ މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދާ ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކުރީ ކުރީގެ ޕީޖީ އޮފީހުގައި ޤާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް ގިނަ އަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ޖަމާވެ، ތޮއްޖެހުމުގެ ސަބަބުން ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތި ވުމުންނެވެ.