ވިޔަފާރި

ރާއްޖޭގެ ބޭންކިންގ ދާއިރާއަށް އިތުރު ބޭންކުތައް އަންނަންޖެހޭ- ފައްޔާޟް


ރާއްޖޭގެ ބޭންކިންގ ދާއިރާއަށް އިތުރު ބޭންކްތައް އަންނަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޓޫރިޒަމް ކޮންފަރެންސްގައި ސަފާރީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ބެހޭގޮތުން ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކަށް ލޯނު އެހީ ދިނުމަށް އެސްއެމްއީ ބޭންކުގެ ޤާބިލްކަމެއް ނެތްކަމަށެވެ. މިކަން ހައްލުކުރެވޭނީ ރާއްޖޭގައި ތިބި ބޮޑެތި ބޭންކުތަކުގެ އެހީގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޟް ވިދާޅުވީ ގިނަ ބޭންކުތަކުން އަހަރެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއްގެ ފައިދާ ނަގާކަމަށާއި މިކަމުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް މާބޮޑު ފައިދާއެއް ނުކުރާކަމަށެވެ. ވަކިން ޚާއްސަކޮށް ފައްޔާޟް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ނަން ފާހަގަކޮށް، އެބޭންކަށް ފާޑު ވިދާޅުވެފައެވެ.

ފައްޔާޟް ވިދާޅުވީ ބީއެމްއެލްއިން ރައްޔިތުން އަތުން ނަގާ އިންޓްރެސްޓް ރޭޓްތައް ކުޑަކޮށް އިޤްތިސާދު ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ރާއްޖެއަށް އިތުރު ބޭންކްތައް އައިސް މި ފަރަޤުކުޑަކުރަން ޖެހޭކަމަށާއި އެގޮތުން އައު ބޭންކްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

" ބޭންކް އޮފް މޯލްޑިވްސް އެބަޖެހޭ ފައިދާ ކުޑަކުރަން. ފައިދާ ކުޑަކޮށްފަ އިޤްތިސާދު ކުރިޔަށްގެންދިއުމަށް ބޭންކުން އެބަޖެހޭ ހަރަކާތްތަކެއް ކުރިޔަށްގެންދަން. ބޭންކަކީ ވެސް ރިސްކު ނަގަންޖެހޭ ތަންތަނަށް ވާންޖެހޭ. ބޭންކް އޮފް މޯލްޑިވްސް އެބަޖެހޭ ކުޑަވާން. އިތުރު ބޭންކްތައް އަންނަން އެބަޖެހޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އިތުރު ބޭންކްތައް ރާއްޖެ ގެންނަން. " މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ސަރުކާރުން މިއަހަރުގެ ކުރީކޮޅުވަނީ "އެސްޑީއެފްސީ"ގެ ނަމުގައި ބޭންކެއް ހުޅުވާފައެވެ. މި ބޭންކް މެދުވެރިކޮށް މިހާތަނަށް އެއް ބިލިއަނާއި ގާތްކުރާ އަދަދަކަށް ލޯން ދޫކޮށްފައިވާކަމަށް ސަރުކާރުން ބުނެއެވެ.