ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ޖޮބް ފެއަރ މެދުވެރިކޮށް މިހާތަނަށް 50 ފަރާތަކަށް ވަޒީފާ ލިބިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޖޮބް ފެއަރ ނިންމާލެވުނީ ކާމިޔާބުކަމާއެކު ކަމަށެވެ. އެގޮތުން ޖޮބް ފެއަރގެ ތެރެއިން 1100 އިންޓަރވިއު ކުރިއަށްދިޔަކަމަށާއި މިފެއަރ ނިމުނުއިރު 50 ފަރާތަކަށް ވަޒީފާ ހަަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބާކީ ހުރި ވަޒީފާތައް ދިނުމުގެ މަސައްކަތް މިހާރު އެފަރާތްތަކުން ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޖުމްލަ 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނިން. ފަރުކޮޅުފުށީގައި ބޭއްވި މި ފެއަރއަށް 3000 އަށް ވުރެ ގިނަ ރައްޔިތުން އެތަނަށް ޒިޔާރަތްކުރި 1100 އަށްވުރެ ގިނަ އިންޓަރވިއުތައް ކުރެވުނު. 50 އަށް ވުރެ ގިނަ ރައްޔިތުން ދިޔައީ ވަޒީފާ ހިފައިގެން. އަދި ބާކީ ހުރި 450 ވަޒީފާގެ ދެވަނަ އިންޓަރވިއުތަކުގެ މަސައްކަތް އެބޭފުޅުން މިހާރު ދަނީ ކުރައްވަމުން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ބިނާކުރުންކަމަށާއި ސަރުކާރުގެ އުއްމީދަކީ މި ދާއިރާއިން ގިނަ ދިވެހީނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުންކަމަށެވެ.
ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްވެސް ވަނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މިމަހު ޖޮބް ޕޯޓަލްއެއް ލޯންޗުކުރާނެކަމަށް ވިދާޅުވެފައެވެ. މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ އެންމެންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.