ޚަބަރު

2023ގެ ނިޔަލަށް 20000 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އަމާޒުހިފައިފި


މި ސަރުކާރުގެ 5 އަހަރު ދުވަހުގެ ދައުރު ނިމޭއިރު ވިހި ހާސް އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޯށްދިނުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ. މި އަމާޒު ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ކަނޑައަޅާފައެވެ.

މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއްގެއަސްލެއް ކަމަށްވާތީ، މިއީ މިހާރުން މިހާރަށް ވެސް ޙައްލުކުރަންޖެހިފައިވާ މައްސަލައެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އާބާދީއަށް ބަލާ ސަރުކާރުން އެކުލަވާލާފައިވާ މިއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ ބިދޭސީން ހިމެނޭގޮތުން ގާތްގަނޑަކަށް، ފަސް ލައްކަ ތިރީސް ހާސް ކަމަށް ވަނީ ލަފާކޮށްފައެވެ. މިރޭޓުން ބަލާނަމަ 2028ވަނަ އަހަރު، މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ ހަލައްކަ ފަންސާސް ހާސް އަށް އަރާނެކަމަށްވެސް ސަރުކާރުން އަންދާޒާކުރެއެވެ. އެހެންކަމުން ގޭބިސީއެއްގައި 4 މީހުން އުޅޭނެ ކަމަށް ބެލި ނަމަވެސް، އިތުރު ތިރީސް ހާހުގެ ބޭނުންވާނެކަމަށާއި، މުޅި ޤައުމަށް ބަލާނަމަ އިތުރު ވިހި ހާހުގެ ބޭނުންވާ ކަމަށް ލަފާކުރެވޭކަމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ބަޔާންކޮށްފައިވެއެވެ.

މިދާއިރާގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު ގިނަ ޢަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭންޖެހިފައިވުމާއި، މާލެ ތޮއްޖެހިފައިވުމާއި، ބޯހިޔާވަހިކަން ހޯދުމުގައި ޚަރަދު ބޮޑުވުމާއި ޢިމާރާތްތަކުގެ ފެންވަރު ދަށްވުމާއި، ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް މަދުވުން އަދި ބޯހިޔާވަހިކަން ފޯރުވައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑެއް ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ދާއިރާގައި ހުރި ކަންތައްތަކުގެ ތެރެއިން ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރުން އިތުރުކޮށްގެން ގެދޮރު ހޯދުމުގެ މަގުފަހިކޮށްދިނުމާއި، ޤާނޫނީ އިޞްލާޙުތަކާއި މިކަމުގައި ޙަރަކާތްތެރިވާ އިދާރާތަކަށް ގެނެވޭ އިޞްލާހުތަކުގެ ތެރެއިން ސޯޝަލް ހައުސިންގގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ވިހި ހާސް ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ޙައްލުތަކުންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ޙައްލު ގެނައުންވެސް މި ސްޓްރެތެޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.