ވިޔަފާރި

ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އުރީދޫއިން އެހީތެރިވަނީ


ޑިޖިޓަލް ޓޭކްނޮލިޖީއާއި ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އުރީދޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ނަޖީބް ޙާންއެވެ. އަދި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ރައީސް އަޙުމަދު ކަރަމްއެވެ. މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދުގެ އިތުރުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއްގެ ވެރިން ވެސް ބައިވެރިވެފައިވެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދެވޭނީ ރާއްޖޭގެ ރީތިކަމާއި އެއްކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެންކަމަށެވެ. އެހެންކަމުން ޖީއޭއެމްއާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

" ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ގެސްޓްހައުސްތައް ކުރިއެރުވުމަށް ކުރާ މަސައްކަތަށް އިތުރު އެއްބާރުލުމެއް ލިބިގެންދާނެކަމަށެވެ.

"ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓަރސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު. ވީމާ އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް." އަޙްމަދު ކަރަމް ވިދާޅުވިއެވެ.

އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން އުރީދޫއިން މަސައްކަތްކުރަމުންދާނީ ފަތުރުވެރިކަމުގެ މާހައުލާ ގުޅޭ އަދި ގެސްޓްހައުސްތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ފޯރުކޮށްދީ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށްކަމަށެވެ.