ޚަބަރު

އިބްތިހާލުގެ މަންމަ އޭނާއަށް އަނިޔާކުރިކަމަށް އެއްބަސްވެއްޖެ


ވ. ރަކީދޫގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 3 އަހަރުގެ
މުހައްމަދު އިބްތިހާލަށް ތަކުރާރުކޮށް އެކިފަހަރު މަތިން
އަނިޔާކޮށްފައިވާނޭކަމަށާއި މަރުވި ދުވަހުވެސް އެ ކުއްޖާއަށް އަނިޔާކުރިކަމަށް
އޭނާގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި މިއަދު އިއުތިރާފްވެއްޖެއެވެ.



އިބްތިހާލްގެ މަންމަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ
ދައުވާގެ ތެރެއިން އަމުރަށްނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާއަށް އެއްބަސްވެ
ވާހަކަ ދައްކަމުން އާފިޔާ މުހައްމަދު ބުނީ އޭނާގެ އުފަންދަރިޔަށް އަނިޔާކުރަމުން
ދިޔައީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ އުފެދިފައިވާ ރުޅިވެރިކަމެއްގެ
ދަށުންކަމަށެވެ. މިގޮތުން އިބްތިހާލް މަރުވި ދުވަހު އޭނާގެ ކަރަށްފިތާ މޭމަތީގައި
ތިންފަހަރަކު ފައިން ޖަހާފައިވާނޭކަމަށްވެސް އާފިޔާ އެއްބަސްވެފައިވެއެވެ.
އަދި  ތުއްތު އިބްތިހާލް އޭނާގެ މާމަގެ
ކައިރިން އަފިޔާކައިރިޔަށް ބަދަލުކުރި ހިސާބުން ފެށިގެން ތަކުރާރުކޮށް
އަނިޔާކޮށްފައިވާނޭކަމަށްވެސް އާފިޔާ އެއްބަސްވެފައިވެއެވެ.



ޝަރީއަތުގެ މަޖިލީހުގައި ކުރިމައްޗަށް ބިޑި އަޅުވާފައި އިން
އާފިޔާ އޭނާގެ ތުއްތު ދަރިފުޅުގެ މަރާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ދިޔައިރު
އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުވަތަ ކަންބޮޑުވުމެއް ފެނިފައެއް
ނުވެއެވެ.  



އާފިޔާގެ މައްޗަށް ދައުލަތުން އަމުރަށްނުކިޔަމަންތެރިވުމުގެ
ކުށުގެ ދައުވާގެ އިތުރުން ގަސްދުގައި ކުޑަކުއްޖަކު މަރާލިކަމުގެ ކުށުގެ ދައުވާވެސް
އުފުލާފައިވެއެވެ. އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއަށް އޭނާ
އިއުތިރާފްވެފައިވާއިރު މަރުގެ ދައުވާ އަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު
ހަމަޖައްސާދިނުމަށް އާފިޔާ މިއަދު އެދުމުން އެފުރުސަތު ކޯޓުން ދީފައިވެއެވެ.



އިބްތިހާލް މަރާލިކަމަށް ބުނެ ދައުލަތުން އެކުއްޖާގެ މަންމަގެ
މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ
އަށާވީސްވަނަ ދުވަހު  ހެނދުނުގެ ވަގުތެއްގައި
އިބްތިހާލްގެ ކަރަށް  ފިތާ  އެ ކުއްޖާ ނޭވާ ހާސްކޮށްލާ އެ ކުއްޖާގެ
މޭމަތީގައި ޖަހާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އިބްތިހާލް
މަރުވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.  



މި ދައުވާގެ ތެރެއިން އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ
ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އެންމެ ބޮޑުވެގެން
އަންނަނީ ހަ މަހުގެ ޖަލުގެ ހުކުމެކެވެ. އަދި މަރުގެ ކުށް ސާބިތުވެއްޖެނަމަ
އުމުރަށް ޖަލަށްލެވޭނެއެވެ.