އައްޑޫ ސިޓީގައި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން އެއްބަސްވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫގައި 4000 އެނދު ތަރައްޤީކުރުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞޯދިޤް ވިދާޅުވީ އައްޑޫ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބިން ދޫކުރުމުގައި ބޮޑެތި އިންވެސްޓަރުންނާއި އާންމު ވިޔަފާރިކުރާ ބޭފުޅުންނާއި މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުސަތުތަކާއި ބެހޭގޮތުން ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކުރެއްވިކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދެއްވުމަށްޓަކައި 80 މިލިއަން ރުފިޔާގެ ލޯން އެހީ ކަނޑައެޅުއްވިކަމަށް އަބްދުﷲ ސޯދިޤް ވިދާޅުވިއެވެ.
" އެސްއެމްއީތަކަށް އޮތް ފުރުސަތުތަކަކީ ކޮބައިހޭ އަޅުގަނޑުމެންނާއި ސުވާލު އުފެދުނު. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންވެސް މިނިސްޓްރ އައްޑުއަށް ދިޔަ ދަތުރުގައި ފާހަގަކުރެއްވި އެސްއެމްއީ ބޭންކުން އައްޑޫގެ ގެސްޓްހައުސް ލޮކޭޝަންސްތަކަށް އިންވެސްޓްކުރާ އެސްއެމްއީތަކަށް ޚާއްސަކޮށްގެން ވަކި އަދަދެއް ކަނޑައެޅުއްވި ވާހަކަ. އެވަގުތަށް ފާހަގަކުރެއްވީ 80 މިލިއަން ރުފިޔާ ކަނޑައެޅުއްވި ވާހަކަ. އަދި އިތުރަށް މީގެ އޮތް ޕޮސިބްލިޓީ ވެސް ބައްލަވާނެކަމަށް ވިދާޅުވި." އަބްދުﷲ ޞޯދިޤް ވިދާޅުވިއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްއެމްއީތަކަށް ޚާއްސަކޮށްގެން މިއަހަރުގެ މާޗް މަހު ސަރުކާރުން ވަނީ އެސްޑީއެފްސީގެ ނަމުގައި ބޭންކެއްވެސް ހުޅުވާފައެވެ.
ސަރުކާރުން ބުނީ މި ބޭންކް މެދުވެރިކޮށް އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ލޯން އެހީ ދޫކޮށްފައިވާކަމަށެވެ.