ޚަބަރު

ޕްރޯ ޑިވިޝަންގެ ކުއަޓަރ ފައިނަލުން އާދަމާއި އަޙްމަދު މުޙައްމަދު ގާޖަ ހޯދައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގެ ޕްރޯ ޑިވިޝަންގެ ކުއަޓަރ ފައިނަލުން ރާއްޖޭގެ އާދަމް ނަސީމާއި އަޙްމަދު މުޙައްމަދު ގާޖަ ހޯދައިފިއެވެ.

ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މެޑަލް ހޯދާފައިވާ މިދެ ކުޅުންތެރިން ޕްރޯ ޑިވިޝަނުން ޖާގަ ހޯދާފައިވާއިރު، ރާއްޖޭގެ ޒީނިޔާ މޫސާއާއި އާދަމް ނަސީމްގެ ޕެއަރވަނީ މިކްސް ޑިވިޝަންގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

އަދި ކުއާޑް ޑިވިޝަނުންވެސް ރާއްޖޭގެ ޓީމްވަނީ ސެމީ ފައިނުން ޖާގަ ހޯދާފައެވެ. މުބާރާތް ތިން ޑިވިޝަންއަކަށް ބަހާލައިގެން ކުރިއަށްދާއިރު، ޕްރޯ ޑިވިޝަނަކީ މިމުބާރާތުގައި ވާދަކޮށްފައިވާ އެންމެ މޮޅެތި ކުޅުންތެރިން ވާދަކުރާ ޑިވިޝަނެވެ. މިކްސް ޑިވިޝަންއަކީ އެއް އަންހެން ކުޅުންތެރިއަކާއި އެއް ފިރިހެން ކުޅުންތެރިއަކު ވާދަކުރާ ޑިވިޝަނެވެ. އަދި ކުއާޑް ޑިވިޝަންއަކީ ޓީމްއެއްގައި ހަތަރު ކުޅުންތެރިން ވާދަކުރާ ޑިވިޝަނެކެވެ. މިބައިގައި ޓީމްއެއްގައި ހިމެނެނީ އަންހެން ކުޅުންތެރިއަކާއި ތިން ފިރިހެން ކުޅުންތެރިންނެވެ.

ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީ ބޯޅަ މުބާރާތުގެ ޕްރޯ ޑިވިޝަންގެ ކުއަޓަރ ފައިނަލުން ރާއްޖޭގެ އާދަމް ނަސީމާއި އަހުމަދު މުޙައްމަދު ގާޖަ ހޯދައިފިވަނީ 5 ޓީމް ހިމެނޭ ގުރޫޕް އޭގެ 3ވަނަ ހޯދައިގެންނެވެ. ހަތަރު މެޗް ކުޅުނުއިރު އާދަމް ނަސީމާއި އަޙްމަދު މުޙައްމަދުގެ ޕެއަރއިންވަނީ 2 މެޗް ކާމިޔާބުކޮށް 2 މެޗުން ބަލިވެފައެވެ. މިމުބާރާތުގެ މިކްސް ޑިވިޝަންގެ ސެމީ ފައިނަލުން ޒީނިޔާ މޫސާ އާއި އާދަމް ނަސީމްގެ ޕެއަރ ޖާގަ ހޯދާފައިވަނީ ހަތަރު ގުރޫޕް ހިމެނޭ ގުރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްގެންނެވެ.

ކުއާޑްބައި ރާއްޖޭގެ ޓީމް ސެމީއަށް ދަތުރުކޮށްފައިވަނީ 4 ޓީމް ހިމެނޭ ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ހުރިހާ މެޗްއެއްވެސް ކާމިޔާބުކޮށްގެންނެވެ. ކުއާޑްސް ޑިވިޝަންއަކީ މިމުބާރާތުގައި މަޖާކޮށްލުމުގެ ގޮތުން ބައިވެރިކޮށްފައިވާ ޑިވިޝަންއެކެވެ. މިޑިވިޝަންގައި ރާއްޖޭގެ ޓީމްގައި ހިމެނެނީ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ނިޒާރު އިބްރާހީމް، ކޯޗް މުމްތާޒް އަލީ، ގައުމީ އަންހެން ޓީމްގެ ނުހާ ވަހީދު، އާދިލް، މަޝްހޫރު ކޯޗް މުޙައްމަދު ނަދީމް، އިސްމާޢީލް ރިފާޢެވެ.

ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި 80އަށް ވުރެއް ގިނަ ކުޅުންތެރިން ވާދަކުރާއިރު، އެމެރިކާގެ ރޭންކިންގެ ޓޮޕް 5ވަނަގާއި ހިމެނޭ މެކްކިބިން ބްރަދާސް އަދި ކުރިން އޮލިމްޕިކްސްގައިވެސް ކުޅެފައިވާ ކުޅުންތެރިވެސް މިމުބާރާތުގައި ކުޅެމުންދެއެވެ. އަދި އޭވީސީ އާއި އެފްއައިވީބީގެ ބައެއް މުބާރާތްތަކުގައި ވާދަކޮށް ރަގަނޅު ކާމިޔާބު ހޯދާފައިވާ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.