ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތް - ފޮރިން މިނިސްޓަރ


ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް "ސެއިންޓް ރީޖަސް ހޮޓެލް"ގައި ބޭއްވި ބަދައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އެއްވެސްކަހަލަ ނުތަވަސްކަމެއް ނެތްކަމަށާ، ދެޤައުމުގެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން މަސައްކަތްކުރާނީ ވީހާވެސް ބޮޑަކަށް ޗައިނާގެ އިތުރުން ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަކި ޤައުމެއް އިސްކޮށްގެން ކުރިޔަށް ދިއުމުގެ ވިސްނުން ދިވެހިސަރުކާރުގެ ނެތްކަމަށްވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޗައިނާއިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫތަކަށް ދެމުންދާ އެއްބާރުލުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޗައިނާގައި މަތީ ތަޢުލީމު ޙާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ ޗައިނާގެ ނައިބް ރައީސް ވަންގް ޗިޝާން އަދި ފޮރިން މިނިސްޓަރ ވާން ޔީ އާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު ކުޅިވަރާބެހޭ އެއްބަސްވުމަކާއި، އިޤްތިސާދީ އެއްބާރުލުމާބެހޭ އެއްބަސްވުމެއްގެ އިތުރުން ދެޤައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.