ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ފެއިމްސް ޔުނައިޓެޑާއި ޔުނައިޑެޓް ވީ ދަތުރުކޮށްފިއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑްއެވެ. މިމެޗު ފެއިމްސް ޔުނައިޓެޑް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ފެއިމްސްއިން މިމެޗްގައި ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އާއި، ހާފިޒް އަޙްމަދުގެ އިތުރުން އަޙްމަދު އަސްރަފް (ސޮބީ)އެވެ.
ދެޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދަރަވަންދޫ ކިންގްސް ޔުނައިޓެޑުން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނާސިފްއެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ ހާފިޒް އަޙްމަދުއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޑެޓް ވީއާއި މިލައިދޫ ރިސޯޓްއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް ވަނީ 5-5 އިން އެއްވަރުވެފައެވެ. އެހެންކަމުން ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅުމަށް ޖެހި ޕެނަލްޓީގައި މިލައިދޫގެ މައްޗަށް ޔުނައިޓެޑް ވީ ކުރި ހޯދީ 9-10 ގެ ނަތީޖާއަކުންނެވެ.
މީ މިމުބާރާތުގެ ފައިނަލަށް ޔުނައިޓެޑް ވީ ދަތުރު ކުރި ދެވަނަ ފަހަރެެވެ. 2016 ވަނަ އަހަރު ފައިނަލުން ޔުނައިޓެޑް ވީ ބަލިވީ ސޮނެވާފުށި ރިސޯޓް އަތުންނެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 12000 (ބާރަހާސް ރުފިޔާ)އަދި ރަނައަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ނިންމާފާއެވެ.
ކްލަބް ދަބިގިނާރސްއިން އިންތިޒާމުކޮށްގެން ބ.އަތޮޅުގެ ރިސޯޓްތަކަށާ، އޭދަފުށީގެ ބައެއްޓީމުތަކާ، އަތޮޅުތެރެއިން ދެޓީމަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލަށް ފެއިމްސް ދަތުރުކުރި މީ 4 ވަނަފަހަރެވެ. މީގެތެރެއިން މުބާރާތުގެ ޗެންޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފެއިމްސްއާ މިފަހަރުގެ ފައިނަލުގައި ބައްދަލުކުރާނީ އޭދަފުށީގެ ޔުނައިޓެޑް ވީއެވެ.
ހުކުރު ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.