ކުޅިވަރު

ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް: ޗެމްޕިއަން އިރުމަތި ލަވާރސް ކަޓުވާލުމަށްފަހު ޔުނައިޓެޑް ވީ ސެމީ ފައިނަލަަށް


ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެންޕިއަން އިރުމަތީ ލަވާރސް ކަޓުވާލުމަށްފަހު، ޔުނައިޓެޑް ވީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުން އިރުމަތީ ލަވާރސް ބަލިވީ ގްރޫޕްގެ އެއްވަނައިގައި އޮތް ޔުނައިޑެޓް ވީ އާ ބައްދަލުކޮށް 1-0 އިން ނެވެ.

ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ މި މެޗްގެ ހަމައެކަނި ލަނޑު ޖެހީ މެޗް ނިމެން 4 މިނެޓައް ވެފައިވަނިކޮށް އަބްދުﷲ މުޢާޒް ތަނަވަސްކޮށްދިން ފުުރުސަތަކުން މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ވީގެ ކީޕަރ އަފްޒަލް އިބްރާޙިމްއެވެ. އަފްޒަލް ވަނީ މި މެޗުގައި އިރުމަތީ ލަވާސްއިން ގޯލާއި އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މި ގްރޫޕުން ޕްލޭ އޮފް ކުޅޭނީ ދެވަނަ ޖާގަ ކަށަވަރުކުރި، ދަރަވަންދޫ ކިންގްސް ޔުނައިޓެޑާ، ނޮޓިލަސް މޯލްޑިވްސްއެވެ.

މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި މިލައިދޫ މޮޅުވީ ލަނޑާ ގިރާވަރާ ބައްދަލުކޮށް 2-1 އިންނެވެ. ދެޓީމަށްވެސް ޕްލޭ އޮފް ޖާގަ ކަށަވަރު ކުރުމަށް މޮޅުވުމަށް މަޖުބޫރުވި މެޗްގައި މިލައިދޫގެ ލަނޑުތައް ޖެހީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާޙިމް ރިމާހުއެވެ. ލަނޑާ ގިރާވަރު ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްފިގްއެވެ.

މިއަދު މެޗުން މިލައިދޫ މޮޅުވުމުން އެޓީމުވަނީ ގްރޫޕްގެ 3 ވަނަ ހޯދައި ޕްލޭ އޮފްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރުޕްގެ އެއްވަނަ ޓީމުގެގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު ފެއިމްސް ޔުނައިޓެޑެވެ. ދެވަނަ ޓީމަކީ ދުސިއްތާނީ މޯލްޑިވްސްއެވެ.

މި މުބާރާތުގެ ޕްލޭ އޮފް މެޗްތައް ކުޅޭނީ މާދަމާއެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ،