ސިޔާސީ

އެމްއާރުއެމްގެ އަސާސީ ޤަވާއިދާއި މެނިފެސްޓޯ އެކުލަވާލަން ފަށައިފި


ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ޕާޓީގެ އަސާސީ ޤަވާއިދާއި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއާރުއެމް އުފެއްދުމަށްޓަކައި ތިންހާސް ތިންސަތޭކަ ތޭރަ މީހުންގެ ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ ބާވީސްވަނަ ދުވަހުއެވެ. އެމްއާރުއެމްއިން ވިދާޅުވީ އެޕާޓީ އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާގައި ފާސްކުރާނެ އަސާސީ ޤަވާއިދާއި ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން އެކަމާ ގުޅޭ މަޝްވަރާތައް ފަށައިގެން ކުރިއަށްދާކަމަށް އެމްއާރުއެމް އިން ވިދާޅުވެއެވެ. ނަމަވެސް އަސާސީ ޤަވާއިދު ފާސްކުރުމަށް ޖަލްސާ ބައްވާނެ ތާރީޚެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

އިލެކްޝަން ކޮމިޝަނުގެ ދަފުތަރުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެއްވަނީ 300 މީހުންނާއެކު އެޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމުންނެވެ.

ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ރަޖިސްޓްރީކުރުމަށް ހުށައަޅާފައިވަނީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވަމުންދާ ޔުމްނާ މައުމޫންގެ ނަންފުޅުގައެވެ.

ރައީސް މައުމޫން އެންމެ ފުރަތަމަ އުފައްދާފައިވާ ސިޔާސީ ޕާޓީއަކީ 2008ވަނަ އަހަރު ރަޖިސްޓްރީކުރި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. އެއަށް ފަހު ފާއިތުވެދިޔަ 5 އަހަރުދުވަހު ރާއްޖޭގެ ވެރިކަންކުރި ޕާޓީ ޕްރެގެރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް) އުފެއްދެވީވެސް އެމަނިކުފާނު އިސްކޮށް ހުންނަވައިގެންކަން ފާހަގަކޮށްލެވެއެވެ. މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ހަމަރަކާތްތެރިވާ އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތެކެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގެ އެންމެބޮޑު މަޤުޞަދަކީ ރައީސް މައުމޫން ފަށްޓަވާފައިވާ ސިޔާސީ އިސްލާޙީ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި އެމްއާރުއެމްއިން ވިދާޅުވެއެވެ.