މޫސޫމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަކީ، ސިޔާސީ ވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، ސާކް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ހަތަރުވަނ އޭޝިއަން ސްޕީކާސް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ހަތަރުވަނަ އޭޝިއަން ސްޕީކާސް ސަމިޓް އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އދ.އިން ކަނޑައަޅާފައިވާ އަމާޒުގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ އެމްޑީޕީއަށް ވެރިކަން ލިބުނީ ރައްޔިތުންނާއި ގުޅުންހުރި ގިނަ ވަޢުދުތަކެއް ވެވަޑައިގަތުމުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުންނަށް އުފާވެރި ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމާއި، ބޯހިޔާވަހިކަމާއި، ވަޒީފާއާއި، ރަނގަޅު އާމްދަނީއެއް ރައްޔިތުންނަށް ހޯދައިދިނުމަކީ ވެ ވަޑައިގެންނެވި ވަޢުދެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރަނގަޅު ސިއްޙީ ޚިދުމަތާއި، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށާއި، ހެޔޮވެރިކަމާއި އިންސާފު ޤާއިމްކޮށްދިނުމަށްވެސް އެޕާޓީގެ ފަރާތުން ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ހުރިހާކަމެއްވެސް ހިމެނޭ "ތާހިރު ދިރިއުޅުމެއް"ގެ ވަޢުދުގެ މެނިފެސްޓޯއާއެކު އެ ކަންކަން ރައްޔިތުންނަށް ފުރިހަމަކޮށްދިނުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ފުރިހަމަކޮށްދެމުން އަންނަކަމަށެވެ.
"އަޅުގަނޑުމެން އިންތިޚާބުވީ އެ ވަޢުދުތައް ފުއްދާދޭނެކަމަށް ވަޢުދުވުމުން. ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ގެނެސްދޭންވި ވަޢުދާއެކީ. އެއީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަމަކަށްވާތީ އަޅުގަނޑުމެންނަށް ކުރި އިތުބާރު ބޮޑުވީމަ. އެ ބވަޢުދުތައް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މިދަނީ ހާސިލްކުރަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށާއި، ތިމާވެށްޓަކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގޮތްތައް ހޯދުމަކީ ސިޔާސީ ލީޑަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން ކޮންމެ އަހަރަކުވެސް މަޝްވަރާކުރެވި ވާހަކަ ދެކެވެމުން އަންނައިރު މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ސައިންސުވެރިން ގިނަ މަޢުލޫމާތުތަކެއް ޢާންމުކުރަމުންކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކާބަން ނިއުޓްރަލް ޤައުމަކަށް ނުވަތަ އިޔާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ކުރާ މަސައްކަތް 2009 ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރުގައި އިޢުލާންކުރުމުން އެއީ "މޮޔަ"ކަމެއްކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަކަމަށާއި، ނަމަވެސް އެއީ ކަރަންޓު އުފެއްދުމަށް އޮތް އެންމެ އަގުހެޔޮ ހަކަތަކަން މިހާރު އެންމެންވެސް ޤަބޫލުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން 2009 ވަނަ އަހަރު ކާބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހަދާނެކަން އިޢުލާންކުރުމުން ގިނަ މީހުން އެއި މޮޔަ ކަމެއްކަމަށް ޤަބޫލުކުރި. އިޔާދަކުރަނިވި ހަކަތައިން ތެލުން އުފައްދާ ހަކަތައްޢްވުރެ އަގުހެޔޮކޮށް ހަކަތަ އުފެއްދޭނެކަމަށް އެމީހުން ޤަބޫލެއްނުކުރި. މިހާރު ބައްލަވާ އޭގެ ނުވަ އަހަރު ފަސް. މިހާރު ވަރަށް ސާފުކޮށް އެނގެން އެބައޮތް އިޔާދަކުރަނިވި ހަކަތައިން އަގުހެޔޮކޮށް ކަރަންޓު އުފެއްދޭކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސާކް ސަރަހައްދުގެ ނުވަ ޤައުމެއްގެ ޤާނޫނުހަދާ މަޖިލިސްތަކުގެ އެންމެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވާ މި ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަތަރުވަނަ އޭޝިއަން ސްޕީކާސް ސަމިޓްގައި ދުނިޔޭގެ ޤާނޫނުހަދާ މަޖިސްތައް ހިމެނޭ އިންޓަރ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން ބައިވެރިވެވަޑައިގެންނެވި.