ސިޔާސީ

ކުޑަކުދިންގެ ފޮޓޯ ބޭނުންކޮށްގެން ކުރާކުށްތަކުގެ އަދަބު ބޮޑުކުރަން މެންބަރުން ގޮވާލައްވައިފި


ސޯޝަލް މީޑިއާގެ ވަޞިލަތްތައް މެދުވެރިކޮށް ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ކުރާ ކުށްތަކުގެ އަދަބު ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ. މެންބަރުން މިކަމަށް ގޮވާލެއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. 73 މެމްބަރުންގެ ބޯޓުން، މިބިލް މަޖިލީހަށް ބަލައިގަތުމަށް ވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަކީ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި އަޅާލުމާއި ޙިމާޔަތް ލިބުމާއި އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ހޯދައިދިނުމުގެ މަޤްޞަދުގައި ހުށަހެޅުއްވި ބިލެކެވެ. ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި އަނިޔާއިން ރައްކާތެރިވުމާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމަނާފައިވާ ބިލެކެވެ.

މި ބިލަށް ވާހަކަފުޅުދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިންނާ އާދަމް ވިދާޅުވީ ކުޑަކުދިންގެ ފޮޓޯ ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ދައުރުކުރާ މައްސަލަ އިތުރުވެފައިވާކަމަށެވެ. އަދި ޝަޚުސުއޮޅުވާލައިގެން ކުޑަކުދިންނާ ވާހަކަދައްކާ ބޮޑެތި ކުށްތަކަށް އެކުދިން މަޤްފަހިކުރުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެފަދަ އަމަލު ހިންގާ މީހުންނަށް މި ޤާނޫނުގެ ތެރެއިން ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށް ރޮޒައިނާ ގޮވާލެއްވިއެވެ.

"ފަހަކަށް އައިސް ފުލުހުން ބަލާ އެންމެ ގިނަ މައްސަލަތަކުގެ ތެރޭގައި މިގޮތަށް ފޭސްބުލް ފަދަ ތަކެތި ބޭނުންކޮށްގެން ކުޑަކުދިންނަށް ޢުމުރާ އެއްޗެހި އޮޅުވާލާ ވާހަކަދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ނޭދެވޭކަންކަން ހިނގާ ވަރަށް ބޮޑެތި ޖިސްމާނީ އަނިޔާ ލިބޭފަދަ އަމަލުތައް ހިނގައިގެންދާތަން. އެކަންކަމަށް ދެވޭ އަދަބު ބޮޑުކުރަންޖެހޭކަން ފާހަގަކޮށްލަން." ރޮޒައިނާ ވިދާޅުވިއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ، ދައުލަތުން ކުދިން ބެލެހެއްޓުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ މޮނިޓަރިންގެ މައްސަލަކަމަށެވެ. އެގޮތުން ދައުލަތުގައި ކުދިން ބަލަހައްޓާ މަރުކަޒުތައް ހުރިއިރު އެތަންތަން ވެފައިވަނީ ކުދިން ބަހައްޓާ ތަންތަނުގެ ގޮތުގައިކަމަށާ، އެކުދިން ބަލަހައްޓާ ތަންތަނުގެ ގޮތުގައި ނޫންކަމަށެވެ. އަދި ސަރުކާރުތަކުން އަބްދުވެސް ވިސްނުން އޮންނަނީ ވަގުތީ ޙައްލަކަށްކަމަށްވެސް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

"ކުޑަކުދިން ބަލަހައްޓާ ތަންތަން މި ފެންނަނީ ތަޅުލައިގެން ކުދިން ބަލަހައްޓާތަން. ކުޑަކުދިންގެ ހިޔާގެ ފާޚާނާތައް ފިޔަވާ ހުރިހާ ތަނެއް ތަޅުލާފައި. ކޮންމެ ތަނަކަށްވެސް ވަންނަންޖެހޭނީ ތަޅުލައިގެން. ނުކުންނަޖްހެނޭނީ ތަޅުހުޅުވައިގެން. ޖަލުތަކުގެ ގޮތުގައި ކުދިން ބަލާ ބޮޑުކޮށްގެން. މި ނިޒާމް ޖެހޭ ބަދަލުކުރަން." ޒިޔާދު ވިދާޅުވި.

މި ބިލަށް ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ތަޢުލީމީ ނިޒާމްގެ ތެރެއިން އުނގެނުމަށް މިހާރަށްވުރެ ރަނގަޅު ފުރުޞަތުތައް ފަހިކޮށްދޭންޖެހޭކަމަށެވެ.

"އެކުދިންނަށް މިހާރު މެއިން ސްޓްރީމްގެ އިތުރުން އޮލްޓަރނޭޓިވް އިތުރު ގޮތްތަކެއްވެސް ތަޢުލީމީ ނިޒާމްގެ ތެރެއިން ހަމަޖެހެންޖެހޭ. އެކުދިންގެ އުނގެނުމުގެ ހުނަރު އިތުރުވާނެ ގޮތަށް ނިޒާމް ފަރުމާވަންޖެހޭ." ޖީހާން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅަފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލްގައި ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ނުވަތަ ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށެވެ.

ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ޤާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ އެއްވެސް ކުއްޖަކަށް މަރުގެ އަދަބު ދިނުން، މިބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.

މި ބިލްމި ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމަށްފަހު، ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.