ކުޅިވަރު

އެފްއޭމުން ފުރަތަމަ ފަހަރަށް 14 އަހަރުންދަށުގެ ޔޫތް ލީގެއް ފަށައިފި


ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިސްނަގައިގެން ފުރަތަމަ ފަހަރަށް 14 އަހަރުންދަށުގެ ޔޫތު ލީގެއް ފަށައިފިއެވެ. އެފްއޭއެމް ދެނަންބަރު ޓަރފް ދަނޑުގައި ކުރިޔަށްދާ މި މުބާރާތަކީ ޓުވާޑްސް ފިއުޗަރގެ ދަށުން އެފްއޭއެމުން ކުރިޔަށް ގެންދާ މުބާރާތެކެވެ.

ލީގު އުސޫލުން ބާއްވާ މި މުބާރާތުގައި އިއްޔެވަނީ 4 މެޗެއް ކުޅެފައެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ އެކަޑަމީއާ ވާދަކޮށް ހުޅުމާލެ ސްޕޯޓްސް ސުކޫލު ވަނީ 7-0 ލަނޑުން މެޗު ކާމިޔާބު ކޮށްފައެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި ހުޅުމާލެއިން ބައިވެރިވި ދެވަނަ ޓީމް ހުޅުމާލެ ސްޕޯޓްސް އެކަޑަމީވަނީ މާޒިޔާ އެކަޑަމީއާ ވާދަކޮށް 6-0 ބަލިވެފައެވެ. މުބާރާތުގައި އިއްޔެ އަރލީޓަޗް ފުޓްބޯޅަ އެކަޑަމީއާ ވާދަކޮށް މޯލްޑިވިސް ސޮކަރ މޭޓްސްގެ އެކަޑަމީ 2-1 ލަނޑުން ވަނީ މޮޅުވެފައެވެ. އިއްޔެ ކުޅުނު ފަހު މެޗު އީގަލްސް އެކަޑަމީ ކާމިޔާބު ކުރީ ވިކްޓަރީގެ އެކަޑަމީއާ ވާދަކޮށް 1-0 ލަނޑުންނެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ފައިދާ ގޯލްގެ ތަފާތުން ތާވަލުގެ ކުރި ލިބެނީ ހުޅުމާލެ ސްޕޯޓްސް ސުކޫލަށެވެ. ދެވަނައިގައި އޮތީ މާޒިޔާ އެކަޑަމީއެވެ. މި މުބާރާތުގައި 9 އެކަޑަމީއެއް ވަނީ ބައިވެރިވެފައެވެ. ލީގުގެ ކުޅުން ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށެވެ. ލީގުގެ ކުޅުން ދެންއޮންނާނީ މާދަމާއެވެ. މާދަމާ ލީގުގައި ދެ މެޗު ކުޅުމަށް ހަމަޖެހިފަވެއެވެ.