ޚަބަރު

އަންނަ އަހަރު ސެންޓްރަލް ޒޯންގެ އަންހެން މުބާރާތް ރާއްޖެގައި ބާއްވަނީ


އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތް ދިވެހިރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ގޮތަށް ނިންމާފައިވަނީ ނޭޕާލުގައި ބޭއްވި އޭޝިއަން ވޮލީބޯލް ކޮންފަޑަރޭޝަން، އޭވީސީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަށް ރާއްޖެއިން ހުށަހެޅީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން މުބާރާތާ އަންހެން މުބާރާތް އަންނަ އަހަރު މާލޭގައި ބޭއްވުމަށެވެ. ނަމަވެސް، އޭވީސީގެ ބައްދަލުވުމުގައި ނިންމީ އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމަށްފަހު، ފިރިހެން މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ.

އޭވީސީން މި ގޮތަށް ނިންމީ ބަންގްލަދޭޝްއަށް މިނިވަންކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވި ޝެއިޙް މުޖީބުރު ރަޙްމާންގެ ހަދާންގައި އެ ޤައުމުގައި ޙާއްސަ ކުޅިވަރުތަކެއް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ. މި ބައްދަލުވުމުގައި ބަންގަލަދޭޝުން ބުނީ ޙާއްސަ ކުޅިވަރު މުބާރާތްތަކެއް އެ ޤައުމުގައި އަންނަ އަހަރު ބާއްވާތީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެންޕިއަންޝިޕްގެ ފިރިހެން މުބާރާތް އެ ޤައުމުގައި ބޭއްވުމުގެ ފުރުޞަތު ދިނުމަކީ އެ ޤައުމަށް ލިބިގެންދާނެ ފަޚުރެއްކަމަށެވެ. އެހެންކަމުން، އޭވީސީން ނިންމީ ބަންގްލަދޭޝުން އެދުނު ގޮތަށް އެކަން ކޮށްދިނުމަށެވެ.

އަންނަ އަހަރު ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ބާއްވާނެ ޤައުމެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވަޑައިގެންފައިވަނީ މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން، ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިބްރާހީމެވެ. އޭނާ ވިދާޅުވީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން މުބާރާތް ރާއްހޭގައި ބޭއްވުމުގެ މަސައްކަތް އަދިވެސް ކުރައްވާނެކަމަށެވެ. މި ބައްދަލުވުމަށް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަހްލޫފުގެ ސިޓީއެއްވެސްވަނީ ހުށަހަޅާފައެވެ.

ޔޫތް މިނިސްޓަރ މަހުލޫފް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިވެހި ސަރުކާރުން ދެއްވާނެކަމަށެވެ. އަދި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިއީ އިތުރު ވެގެންދާނެ ބޯޅެއްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ ދައުވަތަކަށް، ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެއްވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ސިޓީގައި މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވެއެވެ،

2017ވަނަ އަހަރު ރާއްޖޭގައިވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ފިރިހެން އަދި އަންހެން މުބާރާތްވެސް ބާއްވާފައެވެ. އެ އަހަރު ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތްވަނީ ނުވެފައެވެ.