ޚަބަރު

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަނީ


އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙުމަދު މަހްލޫފް ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ބައި ރާއްޖޭގައި ބޭއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރުމަށް ނިންމާފައިވާކަމަށެވެ.

ނެޕާލްގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ބައްދަލުވުމެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބައްވާނެ ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ސެންޓްރަލް ޒޯންގައި ހިމެނޭ ޤައުމުތަކުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ޤައުމަކަށް މުބާރާތް ބޭއްވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އިބްރާހީމް މިހާރުވަނީ ނޭޕާލަށް ފުރައިވަޑައިގެންފައެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ބައްދަލުވުގައި މިނިސްޓްރީގެ ސިޓީއެއް ހުށަހަޅުއްވާނެކަމަށެވެ.

ޔޫތް މިނިސްޓަރ މަހުލޫފް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިވެހި ސަރުކާރުން ދެއްވާނެކަމަށެވެ. އަދި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިއީ އިތުރު ވެގެންދާނެ ބޯޅެއްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ ދައުވަތަކަށް، އިންވިޓޭޝަނަލް ވޮލީ މުބާރާތެއްވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ މަސައްކަތެއްކަމަށްވެސް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވޮލީބޯޅަ އެހެން ފަންތިއަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އޭޝިއަން ވޯލީބޯލް ކޮންފެޑެރޭޝަން، އޭވީސީއާއި ގުޅިގެން މަސައްކަތް ކުރުމަށްވެސް ބޭނުންވެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ..

2017ވަނަ އަހަރު ރާއްޖޭގައިވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިވެސް ބާއްވާފައެވެ. އެ އަހަރު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތްވަނީ ނުވެފައެވެ.

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތުވެސް ރާއްޖެއަށްވަނީ ލިބިފައެވެ.