ވިޔަފާރި

ހާބަރު ކެފޭތައް ހައުސިން މިނިސްޓްރީ އިން ތަރައްޤީކުރަނީ


މާލޭ ދެކުނު ހުޅަނގު
ބަނދަރު ސަރަހައްދުގައި ހުރި ކެފޭތައް ހައުސިންގ މިނިސްޓްރީން ކަނޑައަޅާ
ޑިޒައިނަކާ އެއްގޮތައް ތަރައްގީކުރުމަށް ނިންމަވާފައިވާކަމަށް ހައުސިންގ މިނިސްޓަރ
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



މާލެ ހުޅަނގު ދެކުނު
ސަރަހައްދުގައި ހުރި ކެފޭތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން އެންމެ ގިނައިން ޚިދުމަތް
ހޯދާ އެއްސަރަހައްދެވެ. ޒަމާނުއްސުރެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އެސަރަހައްދަށް
މާބޮޑު ތަރައްގީއެއް އައިސްފައެއްނުވެއެވެ. ބައެއް ކެފޭތައް ކާބޯތަކެތި
ގެންގުޅެންޖެހޭ ސްޓޭންޑަޑަށް ނުފެތޭކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ބައެއް
ކެފޭތައް ތިންވަނަ ފަރާތަކަށް ބޮޑު އަގުގައި ކުއްޔަށް ދީފައިވާއިރު، ގިނަ ކެފޭތައް
ހިންގަން ތިބެނީ ބިދޭސީންނެވެ. އެފަދަ ތަންތަން ހުސްކުރުމަށްވެސް ހައުސިން
މިނިސްޓްރީން މިހާރު ވަނީ އަންގަވާފައެވެ. އަދި ކެފޭ ހިންގުމަށް ސަރުކާރުން ދޫކޮށްފައިވާ
އެތަންތަނުގައި އެނޫން ވިޔަފާރިވެސް ބައެއް ފަރާތްތަކުން ކުރަމުންގެންދެއެވެ.



ޕަބްލިކް ސާވިސް މީޑިއާ
ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު
ވިދާޅުވީ، މާލޭ ހުޅަނގު ދެކުނު ސަރަހައްދުގައި ހިންގަމުން ގެންދާ ކެފޭތައް ބައެއް
ފަރާތްތަކުން ފައިސާ ނުދައްކާ ހިންގަމުން ދާކަމަށެވެ. އަދި އެއްވެސް
އެގްރިމެންޓެއް ނެތިވެސް ބައެއް ފަރާތްތައް އުޅޭކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



އެހެންކަމުން އެފަދަ
ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅަކާއި މެދު 
ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާފައިވާކަމަށާއި،ފައިސާ ނުދައްކާ ފަރާތްތަކަށް
ފައިސާ ދެއްކުމަށް މުހުލަތެއް ދިނުމަށްފަހު، ފައިސާ ނުދައްކައިފިނަމަ ކޯޓް
މަރުހަލާ މެދުވެރިކޮށް އެމައްސަލަ ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ މުއިއްޒު
ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެސަރަހައްދުގައި ކެފޭތައް ހިންގާ ހުރިހާ ފަރާތްތަކަށް
ހަމަހަމަ އުސޫލުން އަމަލުކުރުމުގެ ގޮތުން ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކާއެކު
ވަގުތީ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށެވެ. އަދި ވަގުތީ
އެއްބަސްވުމުގެ ދަށުން އެތަންތަން ބޭނުންކުރުމަށް މިނިސްޓްރީން ކަނޑައަޅާ
ޑިޒައިނަކާ އެއްގޮތައް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިސަރަހައްދުގެ ކެފޭތައް ތަރައްގީވެގެން ދިއުމަކީ މިސަރަހައްދުގައި ވިޔަފާރި
އިތުރަށް ކުރިއަރައިގެން ދާނެކަމަށް ވިޔަފާރިވެރިން ދެކެއެވެ. އަދި އެތަންތަނުން
ފޯރުކޯށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ޚިދުމަތް ހޯދާފަރާތްތަކުން
ދެކެއެވެ.
ސަރުކާރުން ވަނީ މިސަރަހައްދު ލޯންގްޓާމް ޕްލޭނެއްގެ ދަށުން ތަރައްގީކުރުމަށް
ނިންމާފައެވެ. އަދި މިސަރަހައްދުގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ބިންތަކެއް
ހުރިއިރު، އެބިންތައްވެސް މިހާރުން މިހާރަށް އިތުރު ބަޔަކަށް  ދޫކުރަން ނިންމަވާފައިވާކަމަށް ހައުސިންގ
މިނިސްޓްރީން މަޢުލޫމާތުދެއެވެ.