ބ.ގޮއިދޫއިން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތައް ދޫކުރުމުގައި މިހާރު އަމަލު ކުރަމުންގެންދާ އުޞޫލު އުވާލައި، އާ އުޞޫލުތަކެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ގޮއިދޫ ކައުންސިލުން ބުނީ އަލަށް އެކުލަވާލާ ޤަވާއިދު ޑްރާފްޓްކޮށް ނިމިފައިވާކަމަށާއި މިއުޞޫލު ކައުންސިލުން ފާސްކޮށް، އަންނަމަހުގެ މެދެއްހާ ހިސާބުގައި ޢަމަލުކުރަން ފެށޭވަރު ވާނެކަމަށް ކައުންސިލުން ބުނެއެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ބުނީ އާ އުޞޫލްތަކެއް ހެދުމުގެ އެންމެ މުހިއްމު އެއްބޭނުމަކީ، ދަނޑުތައް ދޫކޮށްފައިވާ ފަރާތްތައް ޒިންމާދާރުކުރުވުންކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ އުޞޫލުގައި ކޮންމެ މީހަކަށްވެސް ދަނޑެއް ދޫކުރާއިރު، ދަނޑު ދޫކުރުމަށް ހަދާ ރަޖިސްޓްރީއާއެކު ދަނޑުގައި ކުރާ ބޭނުމާއި ހައްދާ ބާވަތްތަކާއި، އެބާވަތްތައް ބޭރުކުރާ ޢަދަދު ކައުންސިލާ ޙިއްޞާކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް މި ގޮތަށް ޢަމަލު ކުރަމުންދަނީ ދަނޑުވެރިންގެ ތެރެއިން މަދު ބަޔަކުކަން ފާހަގަކުރައްވަމުން ޢާމިރު ވިދާޅުވީ އަލަށް ހަދާ އުޞޫލުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާ އުޞޫލުގައިވާ ކަންކަން ހަރުދަނާ ކުރުމަށްކަމަށެވެ.
"އަސްލު ކައުންސިލްގައި ދަނޑުވެރިކަމުން ހައްދާ ބާވަތްތަކާ، ބޭރުކުރާ އަދަދުގެ ތަފާސްހިސާބެއް ނެތީމަވަރަށް އުނދަގޫވޭ. ދަނޑު ދޫކުރާއިރު ހުރިހާ ފަރާތްތަކަށްވެސް ވަނީ މިކަން މިގޮތައް ކުރުމަށް އަންގާފައި، އެނގެނީ ދަނޑުވެރިކަން ކުރާކަން، އެއްވެސް ވަރަކަށް ލިޔުމަކުން މިކަންކަން ފެންނަން ނެތީމަ އާ އުސޫލްތަކެއް ހަދަންޖެހުނީ" ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރުއެވެ.
2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ގޮއިދޫއިން ކޮންމެ އަހަރަކުވެސް އެތައް ބާވަތެއް ރާއްޖޭގެ މާކެޓަށްދަނީ ނެރެމުންނެވެ. އެގޮތުން ރަށުން ބޭރުކުރާ ތަކެތީގެ ތަފާސް ހިސާބު ބެލެހެއްޓުމުގައި ކައުންސިލަށް މިހާރު ދިމާވަމުންދާ ދަތިތަކަށް އަލަށް އެކުލަވާލެވޭ އުޞޫލާއެކު ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށްވެސް އުއްމީދު ކުރައްވާކަމަށް ޢާމިރު ވިދާޅުވިއެވެ.
ގޮއިދޫން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް އައު އުސޫލެއް އެކުލަވާލުމަށް މަސައްކަތްކުރަމުންދާއިރު މިހާރު ގޮއިދޫއިން ދަނޑު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބިންދޫކުރުން ވަގުތީގޮތުން އޮތީ މެދުކަނޑާލާފައެވެ.