އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ "ޕިއްޒާހަޓް"ގެ 500 އެއްހާ އައުޓްލެޓް ބަންދުކުރުމަށް ނިންމައިފިއެވެ.
ޕިއްޒާހަޓްއިން އެކުންފުނީގެ އައުޓްލެޓްތައް ބަންދުކުރުމަށް ނިންމީ ދުވަސްވެފައިވާ އައުޓްލެޓްތައް ރީ-މޮޑެލްކޮށް ޑެލިވަރީގެ ޚިދުމަތް ރަނގަޅުކުރުމަށްކަމަށް ޕިއްޒާ ހަޓްގެ ބެލެނިވެރި ކުންފުނި "ޔަމް"އިން ބުނެއެވެ.
ޔަމްގެ ޗީފް ފައިނޭންޝަލް އޮފިސަރ، ޑޭވިޑް ގިބްސް އެމެރިކާގެ ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭ އެކުންފުނީގެ ގިނަ އައުޓްލެޓްތަކަށް ބަދަލުގެނެސް، ޑެލިވަރީ މާކެޓްއާއި 'ޓޭކް އަވޭ' ޚިދުމަތްތައް ރަނގަޅުކުރުމަށް ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޑެލިވަރީގެ ޚިދުމަތަކީ ހުރިހާ ކަސްޓަމަރުން ވެސް މިހާރު އެންމެ ބޭނުންވާ ޚިދުމަތްކަމަށްވުމާއެކު ޕިއްޒާ ހަޓުން ވެސް މިކަމަށް ބޮޑަށް އިންވެސްޓުކުރަން ނިންމާފައިވާކަމަށެވެ. އަދި އެމެރިކާގެ ޑެލިވަރީކުރާ ކުންފުންޏެއްކަމަށްވާ 'ގްރަބްހަބް' އާއި ގުޅިގެން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
1958 ގައި ތަޢާރަފްކުރި ޕިއްޒާހަޓް ފުޅާވެ ދުނިޔޭގެ އެކި ހިސާބުގައި ޕިއްޒާހަޓްގެ 18 ހާހަށްވުރެ ގިނަ އައުޓްލެޓް ޤާއިމްކޮށްފައިވީނަމަވެސް އެކުންފުނިން ޑެލިވަރީގެ ޚިދުމަތް ފަށާފައިވަނީ ވަރަށް ފަހުންނެވެ. އެގޮތުން އެމެރިކާގައި ހުންނަ އެކުންފުނީގެ 7500 އައުޓްލެޓްގެ ތެރެއިން ވެސް ޑެލިވަރީގެ ޚިދުމަތް ދެނީ ހަމައެކަނި 1300 އައުޓްލެޓުންނެވެ. އެހެންކަމުން ޑެލިވަރީގެ ޚިދުމަތް އިތުރުކޮށް ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި ޕިއްޒާހަޓްއަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.
ޕިއްޒާ ހަޓްގެ އެންމެ ވާދަވެރި ކުންފުނިކަމަށްވާ ޑޮމިނޯސްއިން 2012 ވަނަ އަހަރުން ފަށައިގެން ޑެލިވަރީގެ ޚިދުމަތް ދެމުން އަންނައިރު އެކުންފުނިން މިހާރު ވަނީ ޑެލިވަރީގެ ޚިދުމަތް ފުޅާކޮށް 'ޓޭކް އަވޭ' ޚިދުމަތް ވެސް އައުޓްލެޓްތަކުން ދޭން ފަށާފައެވެ.
ޕިއްޒާހަޓްގެ އައުޓްލެޓްތައް ބަންދުކުރުމަށް ނިންމާފައިވީނަމަވެސް އަލުން މި ތަންތަން ހުޅުވާނެ ތާރީޙެއް ޕިއްޒާހަޓުން ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ މަޝްހޫރު އެކި ފާސްޓްފުޑް ޗެއިންތަކުން ސޭލްސް ރަނގަޅުކުރުމަށްޓަކައި އެކި ހަރަކާތްތައް ހިންގަމުންދެއެވެ. އެގޮތުން މަޝްހޫރު ފްރެންޗައިސް "ސަބްވޭ" އިން ވެސް ވަނީ އެކުންފުނީގެ 1000 އެއްހާ އައުޓްލެޓް ބަންދުކޮށް ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައެވެ.