2023ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދުމަށް ބެޑްމިންޓަނުން މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށް އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އާމިނަތު ނަބީހާ އައްދުއްރައްޒާގުވަނީ ބެޑްމިންޓަންގެ އަންހެން ސިންގަލްސްއިން ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ޑަބަލްސްބައިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި އަޒުފާން އާއި މައިސާވަނީ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ. ބެޑްމިންޓަން ފިރިހެން ޓީމާއި އަންހެން ޓީމްވަނީ ޓީމް އިވެންޓުން ލޯ މެޑަލްވެސް ހޯދާފައެވެ.
އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ މިއީ 2015ގެ އައިއޯއައިޖީއަށް ފާއިތުވެގެންދިޔަ 4 އަހަރު ދުވަހުން ކުރެވުނު މަސައްކަތުން ލިބުނު ނަތީޖާކަމަށެވެ. 2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އަދި އަންހެން ޓީމުންވަނީ ލޯ މެޑެއްޔެއް ހޯދާފައެވެ. 4 އަހަރު ދުވަހުގެ މަސައްކަތުން 2015ވަނަ އަހަރު ހޯދުނު ދެ މެޑަލްގެ ބަދަލުގައި މިއަހަރުގެ ގޭމްސްގައި ބެޑްމިންޓަންއިންވަނީ 5 މެޑަލް ހޯދާފައެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ މިއީ ހަމަ ކުޅުންތެރިންގެ ބުރަ މަސައްކަތްކަމަށެވެ. މިއަހަރުގެ ގޭމްސްގައި ތިން ރަން މެޑަލް ހޯދުމަށް އުއްމީދު ކުރިކަމަށާއި ނަމަވެސް އޭގެ ތެރެއިން ލިބުނީ އެންމެ ރަން މެޑައްޔެއްކަމަށެވެ.
މޫސަ ވިދާޅުވީ 2023ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާއިރު، މިއީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އަމިއްލަ ގައުމުގައި ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި ހާއްސަކޮށް ބެޑްމިންޓަންގެ ގިނަ އިންވެންޓްތަކުން މެޑަލް ހޯދުމަށް، މަސައްކަތްކުރައްވާނެކަމަށެވެ. އަދި ގިނަ މެޑަލްތަކެއް ހޯދުމަށް 4 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
"މިއީ އަސްލުގައި ވަރަށް ބުރަ މަސައްކަތެއް. މީގެ 4 އަހަރު ކުރިން ކުރި މަސައްކަތުން ގިނަ މެޑަލްތަކެއް ލިބިއެއްޖެ. މިހާރު ބޭނުންވަނީ ގިނަ ރަން މެޑަލްތަކެއް ހޯދަން. 2023ވަނަ އަހަރުގެ އައިއޯއައިޖީގައި ރަން މެޑަލް ހޯދުމަށް މިހާރުވެސް މަސައްކަތް ފެށިއްޖެ. އެންމެ ފުރަތަމަވެސް ބޭނުންވަނީ އައިއޯއައިޖީގައި ވާދަކޮށްފައިވާ ޓީމްތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުން. އެކުޅުންތެރިންގެ ކަންތަށްތަށް ހުންނަގޮަތް ބަލާ، އެކަމުގެ ފައިދާތަށް ނެގުން. ގިނަ އެކުވެރިކަމުގެ މެޗްތަކެއްވެސް ކުޅުން ވަރަށް މުހިންމު. 4 އަހަރުގެ ޕްލޭންއަކާއެކު، ހުއްޓާލުމެއްނެތި މަސައްކަތް ކުރުން ވަރަށް މުހިންމު." މޫސާ ނާޝިދު ބުންޏެވެ.