ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދޭއް ޕޮއިންޓު ފަހެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި ޢުމުރުން ތިރީސް ފަސް އަހަރުގެ އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތިހުރި ބޮޑު ހަތަރު ރަބަރުގަނޑާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކޮތަޅެއް ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށާ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ ދޭއް ޕޮއިންޓު އެކެއް ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މި މައްސަލާގައި މިމީހާގެ އިތުރުން ޢުމުރުން ސާޅީސް ދެ އަހަރުގެ ސިންގަޕޫރު ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވައެވެ.
މީގެ އިތުރުން މިމަހުގެ ފަސްވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި ޢުމުރުން އަށާވީސް އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އަތުލައިގެންފައިވާކަމަށާ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ ތިން ސަތޭކަ ނުވަދިހަ ފަސް ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިދެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ ދޭއް ޕޮއިންޓު ފަހެއް ކިލޯ ހުރިއިރު މިމަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީޤުކުރަމުންދާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.