ސިޔާސީ

ސަރވިސް ޗާޖުގެ އެންމެ މަދު މިންވަރަކީ %10 ކަމަށް ކަނޑައެޅުމަށް ފާސްކޮށްފި


ހުރިހާ ރިސޯޓެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް އެއްހަމައަކުން ސަރވިސް ޗާޖް ދިނުން ލާޒިމްކުރުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާޤުންނެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދޭ އުސޫލް އިޤްތީޞާދީ ކޮމިޓީން ދިރާސާކުރައްވާ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި ނިންމުމުގައި ވަނީ، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައި ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްކޮށްފައިނުވާކަމަށެވެ.

ސަރވިސް ޗާޖް ނެގުމަކީ ލާޒިމްކަމަކަށްނުވިނަމަވެސް ގިނަ ރިސޯޓްތަކުގައި ސަރވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަމުންދާކަން ފާހަގަކުރައްވާ ކޮމިޓީގެ ރިޕޯޓްގައިވަނީ، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓެއް އެއްހަމައަކުން ޢަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ރިސޯޓްތަކުން ސަރވިސް ޗާޖްނެގުން ލާޒިމްކުރުމަށްވެސް ނިންމާފައެވެ. އަދި ސަރވިސް ޗާޖުގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 އިންސައްތަކަމަށް ކަނޑައަޅާ ޤާނޫނަށް އެ އިޞްލާހު ގެނައުމަށް ލަފާދިނުމަށްވެސް ފާސްކުރި ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މި މައްސަލަ ކޮމިޓީން ދިރާސާކުރެއްވިއިރު މެންބަރުން ވަނީ ޤާނޫނަށް އެ އިޞްލާޙު ގެނެސްފިނަމަ ބައެއް ރިސޯޓްތަކުން ސަރވިސްޗާޖް ނުދޭ މައްސަލައަށް ޙައްލެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ބައެއް ރިސޯޓްތަކުގައި ސަރވިސް ޗާޖް ނުދޭ މައްސަލައާއި، ސަރވިސް ޗާޖް ދިނުމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މަދު މިންވަރަކީ ދިހަ ހާސްކަމަށް ކަނޑައެޅުމަށް ބާރުއަޅަމުންނެވެ.

ސަރުކާރުން ވަނީ "މިނިމަމް ވޭޖް" ނުވަތަ އެންމެ މަދު މިންވަރަށް އުޖޫރައިގެ ގޮތުގައި ދޭނެ ޢަދަދު ޤާނޫނުން ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ.