ސިޔާސީ

ސަޢީދު ހުށައެޅުއްވި ކުއްލި މައްސަލައަށް މެންބަރުންގެ ބޮޑެތި ފާޑުކިއުން


އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބިރުދެއްކެވިކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށައެޅުއްވި މެންބަރަށާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ބިރުދައްކާކަމަށް ވިދާޅުވެފައިވާއިރު އެކަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދޮގުކުރައްވާފައި ނުވާކަމަށެވެ.

އަދި އިންޒާރުދީ ބިރުދެއްކުމަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށަކަށްވާއިރު މިއީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާކަމެއްކަމަށް ސައީދުގެ ކުއްލި މައްސަލާގައި ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން އިމްރާން ޢަބްދުﷲއަކީ މީގެ ކުރިންވެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭ ބޭފުޅަކަށްވާއިރު، ހޯމް މިނިސްޓަރުގެ ޢަމަލުގެ ސަބަބުން މި ސަރުކާރުގެ އިތުބާރު ގެއްލިފައިވާތީ ހުށައެޅުއްވި ކުއްލި މައްސަލައެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ވަކިގަޑިގަޑީގަ ގޭގެއަށްގޮސް ކުޑަކުދިންނަށް ބިރުދައްކާހެން މިފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބިރު ދެއްކުން އެއީ ކުށްވެރިކުރާކަމެއް." ސަޢީދު ވިދާޅުވިއެވެ.

މިކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަކީ އެއްމިލިއަން ޑޮލަރު އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެމައްސަލަ ފޮރުވައިގެން އުޅުއްވި ބޭފުޅެއްކަމަށެވެ.

"މި މައްސަލައިން އެއްބަސްވެފައި މިވަނީ ލުޠުފީއަކީ ސިޔާސީ ބޭފުޅެއްކަން. އޭސީސީ ފަދަ މިނިވަން މުއައްސަސާއެއްގެ ވެރިއަކީ ތިމަންނަމެންނާއެކު ސިޔާސީ ކަންކަމުގައި މަސައްކަތްކުރާ މީހެއްކަން އެއޮތީ އެއްބަސްވެފައި. ޔާމީން ކުރި ހުރިހާ ވައްކަމެއްގައި ހިއްޕެވި ބޭފުޅަކީ ލުޠުފީ. ރިޔާސީ އިންތިޚާބު ނިމުނު ދުވަހުންފެށިގެން އެބޭފުޅާ ބިރުން ރާއްޖެއިން ބޭރުގައި އެ ހުންނަވަނީ." އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މިމައްސަލައަށް ބަހުސްކުރައްވަމުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވީ، ބިރުދައްކާ އިންޒާރުދިނުމުން އެފަދަ މައްސަލަ ހުށައަޅަންޖެހޭ މުއައްސަސާތައް ރާއްޖެގާއި އެބަހުރިކަމަށާ، ސަޢީދު ހުށައެޅުއްވި ކުއްލި މައްސަލައަކީ އެއްވެސް އަސާސެއްނެތް މައްސަލައެއްކަމަށެވެ. ނިހާދުވެސްވަނީ ލުޠުފީއަށް ތުހުމަތުކުރެވޭ ކަންކަމާ ކުރިމަތިނުލައްވާ އަމިއްލަފުޅަށް ބިރުން ރާއްޖެއިން ބޭރުގައި ހުންނެވިކަމަށް ވިދާޅުވެ ލުޠުފީއަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑަށް މިއަދު މި ފެންނަނީ ވަރަށް ވަކަ ކުއްލި މައްސަލައެއް ހުށައެޅިތަން. ދިވެހިރާއްޖޭގެ މާލިއްޔަތު ދަވާލަން ހިންގި ހުރިހާ ޖަރީމާއެއްގައި ބައިވެރިވެ އެކަމުގެ އެއްބާރުލުން ދިނުމަށްފަހު ޔާމީނާއެކީ ފައިސާ ގުނަން އުޅެފައި ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުރެ ފޯނުކޯލެއް ކޮށްގެން ޓީވީއަކަށް ދިން އިންޓަރވިއުއަކާގުޅިގެން ހުށައެޅި ވަކަ މައްސަލައެއް." މުޙައްމަދު ނިހާދު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ، ލުޠުފީއަކީ ޤައުމުގެ އެންމެމަތީ އެއް މުއައްސަސާއެއްގައި ހުންނަވާއިގެން އެންމެބޮޑަށް ކޮރަޕްޓްވެފައިވާ އެއް ބޭފުޅެއްކަމަށެވެ. އަދި ލުޠުފީ ފާޅުކަން ބޮޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށްފައިވާކަމަށްވެސް ޖާބިރު ވަނީ ތުހުމަތުކުރައްވާފައެވެ.

"ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ވިޔަފާރިތައް ހުއްޓުވާ މިރާއްޖޭގައި ކޮރަޕްޝަނޭ ކިޔާހަ ކޮރަޕްޝަންގެ އެތައް ޢަމަލެއް ހިންގަވާ އަމިއްލަފުޅަށް ކޮރަޕްޓްވެފައިވާ ބޭފުޅެއް. ރާއްޖޭގެ ހޯމް މިނިސްޓަރު ކުރައްވަންވީ ކަމަކީ ލުޠުފީ ހުރި ކޮންމެތަނަކުން އިންޓަޕޯލް މެދުވެރިކޮށްވެސް ހިފާހައްޔަރުކޮށް އޭނާ ގޮޅިއަށް ލާންވީ." ޢަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދިޔައީ ލުޠުފީގެ ސަބަބުންކަމަށެވެ. މެންބަރު ވަނީ އެމްޑީޕީން ރައްޔިތުންނަށް މަޖިލީހުންކޮށްދޭ މަސައްކަތްތައް ހުއްޓުވަން ވަހުތު ނަގާލުމުގެ މަޤްޞަދުގައި ހުށައެޅި ކުއްލި މައްސަލައެއްކަމަށްވެސް ވިދާޅުވެފައެވެ.

"އެބޭފުޅާގެ ފުލެޓެއް އެބަހުރި. މުސާރަވެސް ހަލާލު ބޭފުލެއްނޫން ލުޠުފީއަކީ. ރައްޔިތުންނަށް އެބޭފުޅާ އެނގިފައިވަނީ ކޮރަޕްޝަނުން ތަޣައްޔަރުވެފައިވާ ބޭފުޅެއް. އެއްކޮށް ގެންގުޅެފަ އެބޭފުޅާ ފަޟީހަތްކުރަން ބަދުނާމްކުރަން އިއްޒަތްތެރި މެންބަރު މިކުއްލި މައްސަލަ ހުށައަޅާދިނީމަ ޝުކުރުއަދާކުރަން. މިގޮތަށް އެއްކޮށް އުޅޭ ރައްޓެހިން ފަޟީހަތްކުރާނީ. ކޮރަޕްޝަނަށް މަގުފަހިވެގެންދިޔައީ ލުޠުފީގެ ޢަމަލުތަކުގެ ސަބަބުން." މުޙައްމަދު ރާޢީ ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވީ ވަޒީރަކު މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ބިރުދެއްކެވިަކަމަށްވާނަމަ މިއީ ސަރުކާރުގެ އަދި މަޖިލީހުގެ ސަމާލުކަމަށް ގެންނަޖެހޭ ކަމެއްކަމަށެވެ.

"ފެނިގެންމިދަނީ ރުހޭވަގުތު ރުހޭ ފަރާތުގެ ހުރިހާ އައިބުތައް ފޮރުވުމަށްފަހު ނުރުހޭވަގުތު އެމީހަކާމެދު ރަނގަޅުއ ެއްވެސް ކަމެއްނެތްކަަމށް ވާހަކަދެކެވޭކަމަށް. މިރާއްޖޭގައި ބިރުދެއްކުމާއި ބިރުވެރިކަމުގެ ސަގާފަތެއް މިހާރު އުފެދިފައިވާކަމަށް ޤަބޫލުކުރައްވާކަމަށް. މިއީ ވަކިސަރުކާރަކުން ކުރާކަމެއްނޫން." އަޙްމަދު އާމިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވީ، ބިރުދެއްކުން ރާއްޖެއިން އެންމެ ބޮޑަށް ފެނިގެންދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށެވެ.

"މި މަޖިލީހުގއި މަދުވާނެ ރައީސް ޔާމީންގެ އަނިޠާއެއ ްނުލިބޭ އެންމެ މެންބަރަކުވެސް. އަޅުގަނޑު ފަސްފަހަރު ފާއިތުވި ފަސް އަހަރު ޖަލުގަ އިންނަޖްެހުނު. އެއީ ކޮންވައްތަރެއްގެ ބިރުދެއްކުމެއތޯ މެންބަރުސ ައީދު ވިދާޅުވެދެއްވަންޖެހޭ." ޢަލީ އާޒިމް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާނާ ގުޅޭގޮތުން އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެފައިވަނީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެކަމުގެ އިންޒާރު ދެއްވީ ހޯމް މިނިސްޓަރ އިމްރާން ކަމަށެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައިކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށްވެސް އިންޒާރު ދެއްވި ކަމަށްވެސް ލުޠުފީ ވިދާޅުވެފައިވެއެވެ. އެކަމަށް ރައްދުދެއްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އެމަނިކުފަނު އެފަދަ އަމަލެއް ހިންގަފާނެކަމަށް ރައްޔިތުންނަށް ވިސްނާދޭން އުޅުމަކީ ނުހަނު ހައިރާންވާކަމެއްކަމަށެވެ. އަދި މަގުމަތިންދާ މީހަކަށް ބިރުދައްކައި އިންޒާރުދީ އެމީހަކު ފްރޭމްކުރާ ދަރަޖައަށް އެމަނިކުފާނުގެ އަމަލުތައް ދާނެކަމަށް ބަޔަކު ވިސްނަދޭން އުޅުމަކީ ހައިރާންވާކަމެއްކަމަށެވެ. އަދި މިފަދަ ވަހަކަތަކެއް ޤަބޫލުކުރާނެ ދިވެހި ރައްޔިތުންތަކެއް ނެތްކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.