ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޕެރެ ކެޓަގަރީ (ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ)ގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި މުޙައްމަދު މާޒިންއަށް ޕީއެސްއެމްއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޕީއެސްއެމްގެ މުވައްޒަފެއްކަމަށްވާ މުޙައްމަދު މާޒިންއަކީ ފެނުމުން މަހްރޫމްވެފައިވާ ޒުވާނެކެވެ. އޭނާއަކީ ޕީއެސްއެމްގެ ރޭޑިއޯ ޕްރޮގްރާމްސްގައި މަސައްކަތްކުރަމުންދާ ޕީއެސްއެމްގެ މުވައްޒަފެކެވެ. މާޒިންއަށް މަރުޙަބާ ކިއުމަށް ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑައިރެކްޓަރ އަލީ ޚާލިދާއި މެނޭޖްމަންޓްގެ އިސްވެރިންނާއި ގިނަ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި މާޒިންގެ ކާމިޔާބީ ފާހަގަކުރުމަށް ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ޙާސިލްވާނެކަމަށާ، އެކަން މިއަދު މާޒިން ވަރަށް ރަގަނޅަށް ދައްކާދީފައިވާކަމަށެވެ. އަދި މާޒިންގެ ހިތްވަރުން ފިލާވަޅު ލިބިގެން ޕީއެސްއެމްގެ އެހެން މުއައްޒަފުންވެސް މަސައްކަތް ކުރުމަށް ޕީއެސްއެމްގެ އެމްޑީ ޢަލީ ޚާލިދު ގޮވާލެއްވިއެވެ.
ޕީއެސްއެމްގެ ޑިރެކްޓަރ ރޭޑިއޯ، މުހައްމަދު ޝާކިރު ވިދާޅުވީ މާޒިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔައީ ރަން މެޑެލް ހޯދުމަށް ކުރިއްސުރެވެސް އަޒުމްކަނޑައަޅައިގެން ކަމަށެވެ. ރަން މެޑަލް ހޯދުމަށް ގިނަ ދުވަސްތަކެއް ވެންދެން ހިއްވަރާއެކު މާޒިން މަސައްކަތް ކުރިކަންވެސް ޝާކިރު ފާހަގަކުރިއެވެ. 100 މީޓަރު ދުވުމުގެ ޕެރެ ކެޓަގަރީން ބުރައުންޒް މެޑަލްއެއް ހޯދި ދުވަހަކީ ޕީއެސްއެމްއަށް ވަރަށް އުފާވެރި ދުވަހެއްކަމަށް ޝާކިރު ވިދާޅުވިއެވެ.
މިއަދު މާޒިން އެމެޑަލްއާއެކު އޮފީހުގެ މަސައްކަތަށް ނުކުތުމަކީވެސް ޕީއެސްއެމްގެ އެންމެހައި މުވައްޒަފުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފާވެރިކަމެއްކަމަށް އެނާ ވިދާޅުވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސެގެ 100 މިޓަރު ދުވުމުގެ ޕެރަ، ކެޓަގަރީގެރޭސް ފަށައިގެން 20 މީޓަރަށް ދުވިތަނާ ފައި އެޅުނު ގޮތަކުން މާޒިން އަށް އަނިޔާވެ ކުޑަ ހުއްޓުމެއް އައެވެ. އެހެން ނޫން ނަމަ އޭނާއަށް ރަން ނުވަތަ ރިހި މެޑަލް ލިބުނުގެ ފުރުސަތު ވަރަށް ބޮޑެވެ. 100 މީޓަރ ދުވުމަށްފަހު މާޒިން ބުނީ އުއްމީދުކުރީ ރަން މެޑެލަކަށް ކަމަށާ، އެކަމަކު ދުވަން ފެށިވަގުތު ކަކުލުހުޅަށް އެރި ތަދެއްގެ ސަބަބުން ނުދުވެވުނީ ކަމަށެވެ.
ރާއްޖޭގައި މާޒިން ފަރިތަކުންތަށް ކުރިއަށް ގެންދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ މުހައްމަދާއި ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފްވެސްވަނީ އޭނާއާށް ހިތްވަރުދިނުމުގެ ގޮތުން އޭނާއާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.