ކުޅިވަރު

ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދޭނަން: ސައުދީ ކޯޗު


ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދޭން ވިސްނާފައިވާ ކަމަށް ސައުދީ ކޯޗު މުހައްމަދު އަމީން ބުނެފިއެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި މިއަދު ހަވީރު ސައުދި އަރަބިއްޔާ ޓީމާއި ބޫޓާން ޓީމު ކުޅޭ މެޗާއި ބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައުދީ ކޯޗު މުހައްމަދު އަމީން ބުނީ މިމެޗުގައި ސައުދީ ޓީމުން ބަލަނީ މިހާތަނަށް މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް ވެސް ފުރުސަތު ދީގެން ތަޖުރިބާ ހޯދުމަށް ކަމަށެވެ. ސައުދީ ކޯޗު އަމީން ބުނި ގޮތުގައި އެޓީމުގައި މިހާތަނަށް ނުކުޅޭ 4 ވަރަކަށް ކުޅުންތެރިން އެބަތިބި ކަމަށެވެ.

ސައުދީ ޓީމުން ބުނި ގޮތުގައި ބޫޓާން ޓީމުގެ ކުޅުމަށް ބަލާއިރު މެޗުގެ ފަހު ކޮޅާއި ޖެހެން ދެން ރަނގަޅު ކުޅުމެއް އެޓީމުން ކުރީގެ މެޗުތަކުގައި ދެއްކިއެވެ. އަދި ބުޓާން ޓީމުން ލެޓްވިއާ ދެކޮޅަށް ކުޅުނު މެޗުގަ ނަތިޖާ ހަމަ ކުރިކަން ކޯޗު ފާހަގަ ކުރިއެވެ. ސައުދީ ޓީމުން ބުނެފައިވަނީ މިއަދުގެ މެޗުން މޮޅުވެ ފައިނަލުގައި ކުޅުމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

ބޫޓާން އާއި އެކު ކުޅޭ މެޗުން ސައުދީ ޓީމު މޮޅުވެއްޖެ ނަމަ އެޓީމު ފައިނަލުގައި ކޫޅޭނީ ލެޓްވިއާ އާއި ދެކޮޅަށެވެ. ސައުދީ ޓީމު ލެޓްވިއާ އާއި އެކު ކުޅުނު ފުރަތަމަ މެޗުގައި 4 – 1 އިން ލެޓްވިއާ ވަނީ ކުރި ހޯދާފައެވެ.