ޚަބަރު

އައްޑޫ ހޮސްޕިޓަލަށް ކިޔާނީ، "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"


އައްޑޫ ހޮސްޕިޓަލަށް "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް" މިނަން ކިޔުމަށް ފާސްކޮށް ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އައްޑޫގައި ތަރައްޤީ ކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ، ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. އެގޮތުން ކައުންސިލުން ހުޅުވާލި ފުރުސަތުގައި އެންމެގިނަ މީހުން އެދުނީ "ސުވާދީބް ހޮސްޕިޓަލް" ކިޔުމަށެވެ. ނަމަވެސް މިނަމާއި މެދު ޢާންމުންގެ ޚިޔާލު ތަފާތުވުންތަކެއް ހުރުމާއެކު ކައުންސިލުން ކިޔާނެ އިތުރު ނަމަކާމެދު މަޝްވަރާ ކުރެވުނެވެ.

ނަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ، ކައުންސިލްގައި ކުރި މަޝްވަރާތަކަށްފަހު ނިންމަވާފައިވަނީ "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް" ކިއުމަށް ކަމަށެވެ.

މިނަން ކިއުމަށް ނިންމި ދެ ސަބަބެއް ވާކަން ހާމަކުރައްވައި އޭނާ ވިދާޅުވީ، ފުރަތަމަ ސަބަބަކީ، އައްޑޫ ސިޓީ މިހޮސްޕިޓަލަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް މުހިންމު ތަނަކަށް ވެގެން ދާތީ ކަމަށެވެ. އެގޮތުން އީކުއޭޓާރ އެސަރަހައްދެއްގައި އޮންނަ ދެކުނުގެ އަތޮޅުގެ ރައްޔިތުންނަށް މިހޮސްޕިޓަލް ނިސްބަތްވާނެކަން މޭޔަރ ފާހަގަ ކުރެއްވިއެވެ. ދެވަނަ ސަބަބެއް ގޮތުގައި މޭޔަރ ފާހަގަ ކުރެއްވީ، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ކުރީން މިއީ، ރައީސް ނަޝީދުގެ ސަރުކާރުގައި ޢިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުކަމަށް ވުމުން ޢިމާރާތަށްވެސް މިނަން ނިސްބަތް ކުރެވުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން މިތަން މީހަކަށް ނިސްބަތް ނުކުރުމާމެދު މޭޔަރ ވިދާޅުވީ، އައްޑޫގެ ވަރަށްގިނަ ފަރާތްތައް މިދާއިރާއަށް ޚިދުމަތް ކޮށްފައި ވުމުން ވަކިފަރާތަކަށް މިހޮސްޕިޓަލް ނިސްބަތްކޮށް ބައެއްގެ ހިތްހަމަނުޖެހުން ލިބިގަތުމަށް ބޭނުން ނުވާތީކަމަށެވެ.

އައްޑޫގައި ތަރަށްޤީ ކުރަމުން އަންނަ މިހޮސްޕިޓަލުގެ މަސައްކަތް މިހާރު މުޅިންހެން ނިމިފައިވާއިރު، ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ޤާއިމުކޮށް، ހޮސްޕިޓަލް ހުޅުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ދަނީ ކުރަމުން. މިހޮސްޕިޓަލަށް މުވައްޒަފުން ނެގުމަށް މިހާރު ވަނީ އިޢުލާން ކުރަން ފަށާފައެވެ.