މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރިޒާރވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން، ރިޒާވް ބޭންކް އޮފް އިންޑިއާ އާއިއެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރާއި ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ގަވަރުނަރު އަޙްމަދު ނަޞީރެވެ. އަދި އާރްބީއައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެގްޒެކްޓިވް ޑިރެކްޓަރ އެމް. ރާޖެޝްވަރް ރާއޯ އެވެ.
އެމްއެމްއޭއިން ބުނީ މި އެއްބަސްވުން ހަމަޖެހިގެންދާނީ މިހާރުވެސް އަމަލުކުރަމުންދާ 'ފްރޭމްވާރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް' އަދި މި ފްރޭމްވާރކްގެ 'ސްޓޭންޑްބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެއިން ކަމަށެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ކުރިން ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ބައެއްގެ ގޮތުގައެވެ.
މި އެއްބަސްވުމާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ އިޤްތިސާދީ ގުޅުން ވަރުގަދަ ވެގެންދާއިރު ދައުލަތުގެ ރިޒަރވް ވެސް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.